ކަނޑު ހިމާޔަތް ކުރުމާ ގުޅޭ އދ ގެ މުއާހަދާގައި ރާއްޖޭން ބައިވެރިވަނީ

މިއަދު ބޭއްވި މި ސަރުކާރުގެ އެންމެ ފަހު ކެބިނެޓު ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރަން އދ.އިން އެކުލަވައިލާފައިވާ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ރުހުން ހޯދަން ހުށައެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިގޮތަށް ނިންމެވީ، މިއަދު ބޭއްވި މި ސަރުކާރުގެ އެންމެ ފަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖުން ހުށައެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އެހެންވެ، އެ މުއާހަދާގައި ބައިވެރިވާން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް ވަނީ ނިންމަވައިފައެވެ.

މައިގަނޑު ހަތަރު ބައި ހިމެނޭ މި މުއާހަދާއަކީ ގައުމުތަކުގެ ބޭރުގައި އޮންނަ ކަނޑު ސަރަހައްދުތަކަށް ވަކި އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ މުއާހަދާއެކެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން މާކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބައިނަލް އަގުވާމީގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީބީއެންޖޭ) އެކުލަވައިލުން ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ރާއްޖެ ފަދަ ކުޑަ ގައުމަކުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ބޭނުންތައް ކުރަން މަގުފަހިވާ މުއާހަދާއެއްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިހާތަނަށް ދުނިޔޭގެ 83 ގައުމަކުން ވަނީ ބީބީއެންޖީގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް