ވޮޝިންޓަން (14 ނޮވެންބަރު 2023): އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކަށް ތާއީދުކޮށް އެ ކަމަށް ހިތްވަރު ދިނުމުގެ ކުށުގައި އެމެރިކާގެ މުއައްސަސާއަކުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެމެރިކާގެ ޚާރިޖީ ވަޒީރާ އަދި ދިފާއީ ވަޒީރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މި ދައުވާ އުފުލީ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ މަދަނީ ޖަމްއިއްޔާ އެއްކަމަށްވާ "ސެންޓަ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް އިން ދަ ޔުނައިޓެޑް ސްޓޭޓްސް" އިންނެވެ.
އެމެރިކާ ސަރުކާރުގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނައިބު ރައީސް ކަމަލާ ހެރިސް މި ދައުވާގައި ޝާމިލެއް ނުވެއެވެ. ކަމަލާވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތައިލުމުގެ ޖަރީމާތައް ކުށްވެރި ކުރައްވައިފައެވެ. އަދި، އެ ޖަރީމާތައް ހުއްޓައިލުމަށް ގޮވާލައްވައި ވާހަކަ ވެސް ދައްކަވާފައެވެ.
އަނެއްކޮޅުން ނައިބު ރައީސް އަކީ އެމެރިކާގެ ރައީސް މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ހާލަތުގައި ވަގުތީ ގޮތުން އެ މަގާމު އަދާކުރަން ޖެހޭ ބޭފުޅެއް ކަމުން ނައިބު ރައީސަކީ ރައީސް ހުންނަވަނިކޮށް އެމެރިކާ ސަރުކާރުން ކުރާ ކަންކަމުގެ ޒިންމާ އުފުލަން ޖެހޭ ބޭފުޅެއް ނޫނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި ޚާރިޖީ ވަޒީރު ބްލިންކެން އާއި ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިންގެ މައްޗަށް ދައުވާ އުފުލި ޖަމްއިއްޔާގެ ގާނޫނީ ވަކީލުން ބުނީ އެ ތިން ބޭފުޅުންގެ މައްޗަށް ހުށަހެޅި ދައުވާތަކުގެ ޑޮކިއުމެންޓްގައި 89 ސަފުހާ ހިމެނޭ ކަމަށާއި އެމެރިކާގެ ކޯޓުތަކުގައި މި މައްސަލަ ބެލޭނެކަމުގައެވެ.
ތިން ބޭފުޅުން އެމެރިކާގެ އެތައް ގާނޫނަކާ ޚިލާފުވެފައިވާއިރު އޭގެ ތެރޭގައި އާންމުން މަރާ ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ އެމެރިކާގެ ގާނޫނާއި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަޤުވާމީ ގާނޫނާއި އިންސާނީ ނަސްލު ނައްތައިލުން މަނާކުރާ އެމެރިކާގެ ގާނޫނާ އަދި ހަނގުރާމައިގެ ޖަރީމާތައް މަނާކުރުމާ ބެހޭ ބައިނަލްއަޤުވާމީ ގާނޫނު ހިމެނެއެވެ.
"ސެންޓަ ފޯ ކޮންސްޓިޓިއުޝަނަލް ރައިޓްސް އިން ދަ ޔުނައިޓެޑް ސްޓޭޓްސް"އިން މިމައްސަލަ ހުށަހަޅާފައިވަނީ ކެލިފޯނިއާގެ ސެންފްރަންސިސްކޯގައި ހުންނަ ފެޑްރަލް ކޯޓަށެވެ.
މި ޖަމިއްޔާގެ ގާނޫނީ ވަކީލުން ވިދާޅުވިގޮތުގައި ޣައްޒާއަށް ދޭ ހަމަލާތަކުގައި އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށާއި މަދަނީ ތަންތަނަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް ގޮވައިލާ ގަރާރު ބާތިލުކުރުމަށްޓަކައި އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރަން އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބަށް އެންގުމަކީ ވެސް އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ގާނޫނާ އެމެރިކާ ޚިލާފުވުމެވެ.
މިކަން މިގޮތަށް ކުރަން ނިންމެވީ ރައީސް ބައިޑެންއެވެ. ބައިޑެންގެ ނިންމެވުން އެމެރިކާގެ މަންދޫބަށް އެންގެވި ކަމަށްވަނީ ޚާރިޖީ ވަޒީރު ބްލިންކެން ކަމަށް މި ޑޮކިއުމެންޓްތައް ބުނެއެވެ.
މި މައްސަލައިގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންގެ މައްޗަށް ކުރެވެނީ އިސްރާއީލުން ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް ހަމަލާދީ އެ ތަނުގައިތިބި ބަލިމީހުންނާއި ދުވަސް ނުފުރާ ވިހޭ ކުދިންނާއި މާބަނޑު އަންހެނުންނަށް އަމާޒުކޮށް އިސްރާއީލުން ސީދާ ގޮތެއްގައި ހަމަލާދޭކަން އެނގޭއިރު ވެސް އެ ކަމަށް ހިތްވަރު ދިނުމާއި އެ ކަމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތައް އިސްރާއީލަށް ފޯރުކޮށްދިނުމެވެ.
އިސްރާއީލުގެ މި ހުރިހާ ޖަރީމާތަކެއް ވެސް ބައިޑެން އާއި ބްލިންކެން އަދި އޮސްޓިން ދިފާއުކުރައްވަނީ އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. މުހައްލިލުން ބުނާގޮތުން އިސްރާއީލުގެ މި ގަތުލުއާންމުތަކަކީ އަމިއްލަ ނަފުސު ދިފާއުކުރުން ކަމަށްވާނަމަ ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރު ޔަހޫދިން ގޭސް ޗެންބަރުތަކަށް ލައިގެން މެރުމަކީ ވެސް އޭރުގެ ނާޒީ ޖަރުމަނު އަމިއްލަ ނަފުސުގެ ދިފާއުގައި ކުރި ކަމެއްކަމަށް ބުނެ އެކަން ދިފާއު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ހިޓްލަރު ޔަހޫދިން ގޭސް ޗެންބަރުތަކަށް ލައިގެން މެރިކަމަށް ބުނާ މެރުމަށް ކިޔަނީ ހޮލޮކޯސްޓެވެ. ހޮލޮކޯސްޓަށް އިންކާރު ކުރުމަކީ ވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި ބޮޑު ޖަރީމާއެކެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޔަހޫދީންނާ ދެކޮޅަށް ހިޓްލަރުގެ ވެރިކަމުގައި ހިންގިކަމަށް ބުނެވޭ ހޮލޮކޯސްޓަށް އިންކާރު ކުރުމާ އަދި އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ވެސް ދިގުމުއްދަތަކަށް ޖަލަށް ލުމުގެ އަދަބު ދެވޭ ބޮޑު ކުށެކެވެ.
ޔަހޫދީންގެ ކަމެއްގައި ނަމަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ޔޫރަޕްގައި އޮންނަނީ މި ހިސާބުގައެވެ. ނަމަވެސް ހިޓްލަރު ހިންގި ފަދަ ހޮލޮކޯސްޓް އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ކުޑަކުދިންނާ މާބަނޑު އަންހެނުންނާ އަދި ދުވަސްނުފުރާ ވިހާ ތިއްތު ކުދިންނާ ދެކޮޅަށް އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް އެމެރިކާއާއި ޔޫރަޕްގެ ލީޑަރުން ގަބޫލެއް ނުކުރެއެވެ.