މީޑިއާތައް ހިންގުމަށް މާލޭ ސަރަހައްދުގައި ޚާއްސަ މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވުމާ އެކު، ނޫސްވެރިކަމާއި މީޑިއާގެ ރޮނގުން ހިލޭ ކިޔެވުމުގެ ސްކޮލަޝިޕްތަކެއް ތައާރަފްކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފިއެވެ.
އެ މަނިކުފާނު އެ ކަންކަން ހިއްސާކުރެއްވީ ނޫސްވެރިންނާއި މީޑިއާތަކުގެ މަސައްކަތްތެރިންނާ ބައްދަލުކުރުމަށް ޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ހާއްސަ ހަފުލާގައެވެ. އެ ހަފްލާގައި ނޫސްވެރިންގެ ކަންބޮޑުވުންތަކާއި މި ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުން ނޫސްވެރިންގެ ޚިޔާލު އެ މަނިކުފާނު ވަނީ އައްސަވައިފައެވެ.
އޭގެ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި ނޫސް މީޑިއާތައް ހިންގާ ތަންތަން ހޯދުމަށް ބޮޑު ކުއްޔެއް ދައްކައިގެން ޚަރަދުކުރަން ޖެހުމާއި، މި ދާއިރާއަށް ބޭނުންވާ ތައުލީމީ ޒުވާނުން ހޯދަން ދަތިވުމާއި، ތަމުރީނަށް ހުރި ފުރުސަތުތައް މަދުވެފައި، ހަނިވުން ހިމެނެއެވެ.
އެ ކަންކަމަށް އަލިއަޅުއްވައިލައްވައި، ހަފުލާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެކި ތަންތަން ކުއްޔަށް ނަގައިގެން އޮފީސް ހަދަން ޖެހުމަކީ ކަންބޮޑުވުމެއްކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެއް ދުވަހުން ހައްލު ގެނެވޭނެ ކަމަކަށްނުވި ނަމަވެސް ޕްލޭނެއްގެ ތެރެއިން އެ ކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި އެ ކަމަށް ޓަކައި މާލެ ސިޓީ، ގްރޭޓާ މާލޭ ރީޖަންގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ކަމަށް މަގުފަހިކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ދާއިރާގެ ތައުލީމް ހާސިލްކުރުމަށް ޓަކައި ވެސް ފަހި ފުރުސަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިއީ ތައުލީމް ހާސިލްކޮށްގެން މި ދާއިރާއަށް ވަންނަން މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ވެސް ފަހިވާނެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އާ ސަރުކާރުގެ މަސައްކަތް ފަށަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމަށް ކަމަށެވެ.
އެެހެންކަމުން ސަރުކާރުގެ މައުލޫމާތު މީޑިއާއާ ހަމައަށް ފޯރުކޮށްދިނުމަށް ޓަކައި ފަސޭހަ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.