އެމްޑީޕީ މެންބަރުން ކުޑަ ދަށުގައި، ބަޖެޓު ޖަލްސާ ކުރިއަށްނުގެންދެވުނު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ/ މަޖިލިސް

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މި އަހަރުގެ ބާކީ ބަޔަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވުމުން އެ ޖަލްސާ މެދުކަނޑާލައިފިއެވެ.

މިއަދު ހެނދުނު ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ބޭރުގައި، ކުޑަ ދަށުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތިއްބެވި ނަމަވެސް، އެ ބޭފުޅުން ތަޅުމަށް ވަޑައިނުގަންނަވާތީ ޖަލްސާގެ ކޯރަމް ހަމަނުވާ ކަމަށެވެ.

މިއަދުގެ ހެނދުނުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ، ސިއްހަތު ތަން ނުދޭ ކަމަށް ވިދާޅުވެ، ސަލާމް ފޮނުއްވާފައެވެ.

އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ މަސައްކަތް ނުނިމިއްޖެ ނަމަ ކުރިއަށް އޮތް ސަރުކާރަށާއި ތަރައްގީގެ ހުރިހާ މަޝްރޫއުތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވެސް އޭގެ ގެއްލުން ލިބޭނެކަން އަމީރަށާއި މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭކަން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުން ވެސް ހާމަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ހުކުމުގައި ވަރަށް ސަރީހަ އިބާރާތުން އެއްވެސް ކަހަލަ އޮޅުމެއް ނާރާ ގޮތަށް، ދައުލަތުގެ ބަޖެޓު ކުރިއަށްގެންދަން ޖެހޭނޭ ކަމަށް، އެ ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ލާޒިމުކުރޭ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޯރަމް ހަމަވަންދެން، ކޯރަމް ރަނގަބީލު ޖަހައި، މެންބަރުން ހަމަވަންދެން މަޑުކުރައްވާނެ ކަމަށެވެ.

"މިއަދު ޖަލްސާ އަޅުގަނޑުމެންނަށް ނުފެށިގެން އުޅެނީކީއެއް ހަމައެކަނި މާލީ ވަޒީރު ވަޑައިނުގަންނަވައިގެނެއް ނޫން. މާލީ ވަޒީރު ވަޑައިގަންނަވާތޯ ނޫންތޯވެސް އަދި ދެން ކުރިއަށްގެންދާނެ ގޮތެއް ވެސް އަޅުގަނޑުމެންނަށް ނިންމެން އަންނަނީ ކޯރަމް ހަމަވިނަމަ،" އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައިވާގޮތުން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ވާނެއެވެ. އަދި ބަޖެޓު ހުށަހަޅުއްވަން ޖެހޭނީ ފިނޭންސް މިނިސްޓަރެވެ.

މިދިޔަ މަހުގެ 31ގައި ވެސް މަޖިލީހަށް ބަޖެޓު ހުށަހަޅަން އެޖެންޑާ ކުރި ނަމަވެސް, އޭރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދާތީ އެ ޕާޓީން ޖަލްސާއަށް ހުރަސްއެޅިއެވެ.

އެ ޖަލްސާއަށް، ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން އަމީރު ވަޑައިނުގަންނަވައެވެ.

އެ ގަރާރުގެ މަސައްކަތް ކުރިއަށްނުގެންދެވުނީ، ނަޝީދުގެ ކޮއްކޯފުޅު އީވާ ސަލާން ވިދާޅުވަމުން ގެންދެވުމުންނެވެ. އަދި، މަޖިލީހުގެ ނައިިބު ރައީސް ނޫން އެހެން ބޭފުޅަކަށް އެފަދަ މައްސަލައެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ނިންމަމުން ދިޔުމުންނެވެ.

އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ، މަޖިލީހުގެ އިދާރާއިން ގަރާރުގެ މަސައްކަތް ހުއްޓުވީ ގާނޫނާ ޚިލާފަށް ކަމަށެވެ.

އޭގެ ފަހުން އިއްޔެގެ ހެނދުނަށް އެ ގަރާރުގެ މަސައްކަތް އެޖެންޑާ ކުރުމުން، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު ޙަސަން އަފީފް، އެ މައްސަލަ އަލުން ހުށަހެޅުމަށް އަންގަވައި ޖަލްސާ ނިންމަވާލެއްވިއެވެ.

އެއީ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ގަރާރުގެ ސިފަ ނެތް ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ހުށަހެޅި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ.

މަޖިލީހުގެ އިދާރާއިން އަފީފްގެ ނިންމުން ބަލައިނުގަނެ، އަލުން އިއްޔެ މައްސަލަ އެޖެންޑާ ކުރުމުން ރިޔާސަތާ ހަވާލުވީ އީވާއެވެ. އަދި އެ މައްސަލަ އެއް ފަހަރު ރިޔާސަތުން ބޭރުކޮށްލާފައިވާތީ ދެން މައްސަލަ ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލެއްވީއެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން އިއްޔެ އެ މައްސަލަ ބަލައި، އަފީފާއި އީވާ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ނިންމިއެވެ. އަދި، ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ގަރާރުގެ މަސައްކަތުގައި ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ނިންމުމަށް، އާންމު ކޮމިޓީއަށް ލަފާ ދިނެވެ.

އާންމު ކޮމިޓީން ނިންމީ އެކަމާ ބެހޭ ގޮތުން އެޓާނީ ޖެނެރަލްގެ ލަފާއަށް އެދޭށެވެ. ރޭ އޭޖީ އިބްރާހިމް ރިއްފަތު ވަނީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަސްލަހަތު ހިމެނޭ މެންބަރުންނަށް އެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.

ނަޝީދާއި އީވާ އާއި އަފީފަށް ވެސް ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން ހާލަތުގައި ދެން ރިޔާސަތު ހަވާލުކުރާނެ ތަރުތީބަކީ:

  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
  • މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
  • މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް

މިއަދުގެ 11:00އަށް ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެ މަނިކުފާނު ވަކިކުރާ މައްސަލައިގެ ބަދަލުގައި ބަޖެޓް އެޖެންޑާކޮށްދޭން ނަޝީދު އިއްޔެ އެދިވަޑައިގަތެވެ.

comment ކޮމެންޓް