ޑިމޮކްރެޓުންނަށް ނަޝީދު މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓޭނެ: ބަންޑާރަނައިބު

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަސްލަހަތު ހިމެނޭ މެންބަރުންނަށް އެ މައްސަލަ ކުރިއަށްދާއިރު ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ރިޔާސަތު ބެލެހެއްޓީ އެ މަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސްގެ މެންބަރުންނެވެ. ޑިމޮކްރެޓުންގެ ރިޔާސަތުން ވަނީ ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދާ ހިލާފު ކަމަށް ކަނޑައަޅައި ބޭރުކޮށްލައި، އެ ގަރާރު އަލުން ހުށަހަޅަން އެދިފައެވެ.

އެކަމަކު، މަޖިލީހުގެ އަމީންއާންމު ވަނީ މައްސަލަ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައިފައެވެ. އަދި، އެ މައްސަލަ މާދަމާ 11:00 އަށް ވަނީ އަނެއްކާ ވެސް ތާވަލުކޮށްފައެވެ.

މަޖިލީހުގެ މައްސަލައިގައި ބަންޑާރަނައިބުގެ ލަފައަކަށް އެދެން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމާފައިވަނިކޮށް ބަންޑާރަނައިބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓި ޑިމޮކްރެޓުންގެ މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް،" އޭނާ ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށެވެ.

އެހެންވެ، ދީބާޖާ ނުހިމެނޭ ކަމަށް ބުނެ ޑިމޮކްރެޓުންގެ ރިޔާސަތުން ނަޝީދުގެ މައްސަލަ މިއަދު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ ޖަލްސާތަކަކީ ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ޖަލްސާތަކެއް ކަމަށެވެ. އަދި، ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި ދުވަހު، ނަޝީދުގެ ނުފޫޒު އޮތް މެންބަރަކު ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށެވެ.

މިއަދު ނަޝީދުގެ މައްސަލަ ޑިމޮކްރެޓުންގެ މެންބަރު ހަސަން އަފީފުގެ ރިޔާސަތުން ބޭރުކޮށްލުމުން ދެން އެޖެންޑާ ކުރުމުން އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އީވާ އަބްދުﷲއެވެ. އީވާއަކީ ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދޭން ޖެހޭ،" ރިއްފަތު މިރޭ ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ހަމައެކަނި ގޮތް،"

ޑިސެމްބަރު 15، 2019:ބަންޑާރަނައިބު އިބްރާޙިމް ރިފްއަތު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެހެންވެ، މާދަމާގެ ޖަލްސާގެ ރިޔާސަތު ޑިމޮކްރެޓުންގެ މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަނައިބު ގަބޫލުކުރައްވައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ގިނަ ދުވަސްތަކެއް ވަންދެން ސަލާމުގައި ހުންނެވުމުގެ ސަބަބުން ވެސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވިއެވެ. އެއީ، މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ވާނީ ނައިބު ރައީސް ކަމަށް އޮންނާތީއެވެ. އެކަމަކު، ނައިބު ރައީސާއި ރައީސް ވެސް ނެތް ހާލަތެއްގައި ރިޔާސަތު ބެލެހެއްޓުމުގެ އާންމު އުސޫލެއް އޮވެއެވެ.

އެ ފަހަރު އެމްޑީޕީން ސުޕްރީމް ކޯޓަށް ދިއުމުން ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ، ނަޝީދުގެ މައްސަލައިގައި އާންމު މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭންވީ ސަބަބެއް ނެތް ކަމަށެވެ. އަދި، އީވާ ސަލާން ވިދާޅުވާތީ ކަމަށް ބުނެ، މަޖިލީސް ހުއްޓުވާފައި އޮތީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެންވެ، މިއަދަށް އެ ޖަލްސާ ތާވަލު ކުރި ނަމަވެސް މިއަދު ވެސް އެ މައްސަލަ ކުރިއަކަށް ނުދިއައެވެ.

ކުރިން އެމްޑީޕީން ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތުގައި އިންވަން ވެސް އީވާ ދެކޮޅު ހެއްދެވިއެވެ.

މާދަމާ ހެނދުނަށް އޮތީ ދެ ޖަލްސާއެއް ތާވަލުކޮށްފައެވެ. އެއީ، ހެނދުނު 9:00 އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެތު ހުށަހެޅުމުގެ ޖަލްސާއާއި 11:00 ގައި ނަޝީދު ވަކި ކުރުމުގެ ޖަލްސާއެވެ. އެކަމަކު، ސިއްހީ ހާލަތު ހުރި ގޮތުން ބަޖެޓު ހުށަހަޅަން ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވަނީ މަޖިލީހަށް އަންގަވައިފައެވެ.

މާދަމައަށް އެޖެންޑާ ކުރި ނަޝީދު ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރެއް އަދި ކަނޑައަޅައިފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަން ފަސް މެންބަރުން، ވަކި ތަރުތީބަކުން ކަނޑައަޅައިފައެވެ. އެއީ،

  1. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު
  2. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)
  3. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (އެމްޑީއޭ)
  4. އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް
  5. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ބަންޑާރަނައިބު ވިދާޅުވި ގޮތުން ނަމަ، މާދަމާގެ ޖަލްސާގެ ރިޔާސަތުގައި އިންނަވަން ޖެހޭނީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޝަރީފެވެ.

comment ކޮމެންޓް