ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި އެފްސީ ހެއިޑެންޙެއިމް 1846 ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބަޔާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބަޔޭންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 2 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގައިފައިވަނީ ބަޔޭނުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަދެމުން އަންނަ ހެރީ ކޭންއެވެ. އަދި، ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ބަޔޭންގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސް ކޭންއެވެ. މިއާ އެކު އޭނާ ވަނީ ބުންޑަސްލީގާގައި ލަނޑު ޖެހުމުގެ އާ ރިކޯޑެއް ވެސް ގާއިމުކޮށްފައެވެ. ކޭން ވެފައިވަނީ ފުރަތަމަ 11 މެޗުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މީގެ ކުރިން މި ލަގަބު އޮތީ ބަޔޭންއަށް ކުރިން ކުޅުނު ރޮބަޓް ލެވަންޑޯސްކީ އަތުގައެވެ. އެއީ، 2019 ވަނަ ސީޒަންގައި 11 މެޗުން ލެވަންޑޯސްކީ ކާމިޔާބުކުރި 16 ލަނޑާ އެކުއެވެ. ކޭން ވަނީ އޭނާއަށް ވުރެ އެއް ލަނޑު އިތުރަށް ޖަހައިދީފައެވެ.
މީގެ އިތުރުން ކޭންގެ ކެރިއަރުގައި ކްލަބަކަށް 20 ލަނޑު އެންމެ އަވަހަށް ޖެހުނު ސީޒަނަށް ވެސް މި ސީޒަން މިހާރު ވަނީ ވެފައެވެ. އެއީ، ބަޔޭންއަށް 16 މެޗު ކުޅެގެންނެވެ. މީގެ ކުރިން އެންމެ އަވަހަށް 20 ލަނޑު ހަމަ ކުރެވިފައިވަނީ 2017 -2018 ވަނަ އަހަރުގެ ސީޒަންގައި 23 މެޗުންނެވެ.
ކޭންގެ ދެލަނޑާ އެކު ފުރަތަމަ ހާފު ނިންމައިލި ނަމަވެސް ދެވަނަ ހާފުގެ 67 ވަނަ މިނެޓާއި 70 ވަނަ މިނެޓްގައި ޓިމް ކްލެއިންޑިއެސްޓް އަދި ޔާން ނިކްލަސް ބެސްޓޭ ޖަހައިދިން ދެ ލަނޑުން ހެއިޑެންހެއިމް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ބަޔޭންއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 72 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ރަފައެލް ގުރޭރޯއެވެ. މެޗުގައި ބަޔޭންގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ފޯވަޑް އެރިކް މެކްސިމް ޗޯޕޯ މޯޓިންއެވެ.
މި މޮޅާ އެކު ބަޔާންއަށް ވަނީ 11 މެޗުން 29 ޕޮއިންޓް ލިބި މި ވަގުތަށް ތާވަލްގެ އެއްވަނައަށް އަރައިފައެވެ. ނަމަވެސް ބަޔާ ލެވެކޫސުން މި ހަފުތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަނެއްކާ ވެސް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.