ޔުއޭފާ ޔޫރޮޕާ ލީގުގެ ގްރީޕު ބީގައި އިންގްލިޝް ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ޑަޗް އެރެޑިވިސީގެ އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަމުންދާ އުންމީދު ބްރައިޓަންއިން އާކޮށްފިއެވެ.
އަޔެކްސްގެ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަންއިން ކާމިޔާބުކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި އަޔެކްސްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު، ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ ކޮށެވެ.
މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޖަހައި ބްރައިޓަންއަށް ލީޑު ނަގައިދިނީ އަންސޫ ފާތީއެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ބްރައިޓަންގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ލުއިސް ޑަންކް އާއި ޖޭމްސް މިލްނާއަށް އަނިޔާ ވެގެން ބާލަން ޖެހުނެވެ.
މެޗުގައި ބްރައިޓަންގެ ދެވަނަ ލަނޑު 53 ވަނަ މިނެޓުގައި އަންސޫ ފާތީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްފައިވަނީ ސައިމަން އަޑިންގްރާއެވެ.
މެޗުގައި އަޔެކްސްއަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ބްރައަން ބްރޮބީއަށެވެ. ނަމަވެސް އޭނާ ފޮނުވައިލި ހަމަލާ އަމާޒުވީ ބްރައިޓަން ގޯލްގެ ދަނޑިއަށެވެ.
ރޭގެ މޮޅާ އެކު ބްރައިޓަން މިހާރު ވަނީ ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ދެން ކުޅޭ މެޗުގައި އާއީކޭ އެތެންސް އަތުން މޮޅުވެވިއްޖެނަމަ ދެވަނަ ބުރުގެ ޖާގައެއް ބްރައިޓަންއަށް ކަށަވަރު ވެގެންދާނެއެވެ. މެޗުން ބަލިވި އަޔެކްސް މިހާރު އޮތީ ދެ ޕޮއިންޓާ އެކު ގްރޫޕުގެ އެންމެ ފުލުގައެވެ.