ސްޓާލިންކްގެ ޚިދުމަތް ރާއްޖެއަށް، މަހުފީއަކީ 1000 ރުފިޔާ

ސްޓާލިންކް ސަރވިސަސް މޯލްޑިވްސް އަށް އައިއެސްޕީ ލައިންސަންސް ދޫކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ގައުމުތަކުގެ ޗާޓުގައި ރާއްޖެ ހިމަނައި، ބާރު ސްޕީޑްގެ ބްރޯޑްބޭންޑްގެ ޚިދުމަތުގެ ފުރުޞަތު އާންމުކޮށް ރާއްޖެއަށް ހުޅުވާލައިފިއެވެ.

ސްޓާލިންކްގެ ވެބްސައިޓްގައިވާ ގޮތުން ރާއްޖޭގައި އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ހައިސްޕީޑް އިންޓަނެޓް ކަނެކްޝަނެއްގެ މަހު ފީއަކީ 1000 ރުފިޔާ (ގާތްގަޑަކަށް 65 ޑޮލަރު) އެވެ. އެ ޚިދުމަތް ހޯދަން ކަސްޓަމަރުން ނެޓްވޯކާ ގުޅެން، ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރަން ޖެހޭ އިރު، އެ ސެޓަޕަށް ބޭނުންވާ ހާޑްވެއާގެ އަގަކީ 10،000 ރުފިޔާ (ގާތްގަޑަކަށް 650 ޑޮލަރު) އެވެ.

ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ރާއްޖެއަށް ދިނުމަށް އުފެއްދި ކުންފުނި "ސްޓާލިންކް ސަވިސަސް މޯލްޑިވްސް"އަށް ދިވެހި ސަރުކާރުން އައިއެސްޕީ ލައިންސަންސް ދޫކުރީ މިއަހަރުގެ އޮގަސްޓް މަހު 24 ވަނަދުވަހުއެވެ.

އެ ރަސްމިއްޔާތުގައި ލައިސަންސުގެ ލިޔުން ސްޓާލިންކްއާ ޙަވާލުކޮށްދެއްވީ ޓެކްނޯލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ސްޓާލިންކްގެ ފަރާތުން ލައިސަންސްއާ ހަވާލުވެވަޑައިގަތީ ސްޕޭސްއެކްސްގެ ސީނިއާ ޑިރެކްޓަ ގްލޯބަލް ލައިސަންސިން އެންޑް އެކްޓިވޭޝަން ރަޔަން ގުޑްނައިޓްއެވެ.

ސްޓާލިންކްގެ ޚިދުމަތް 60 އަށްވުރެ ގިނަ ޤައުމުގައި މިހާރުވެސް ދަނީ ދެމުން

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން، ސްޓާލިންކް އިންޓަނެޓް ޚިދުމަތުގެ ލައިސަންސް ދިން ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ.

މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރި ހަތަރު ވަނަ ކުންފުންޏެވެ. ސްޓާލިންކްއަކީ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު، އިލޮން މަސްކްގެ ޚިދުމަތެކެވެ.

ސްޓާލިންކު ޚިދުމަތަކީ ކުޑަ ޑިޝްއަކާއި އެއާ ގުޅޭ ބައެއް ހާޑްވެއާ ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ. ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށާއި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށްވެސް ހައިސްޕީޑް އިންޓަނެޓް ޚިދުމަތް ލިބުމުގެ މަގު ފަހިވާނެކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ލިބޭ ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ އަރާފައިވާއިރު، މި ޚިދުމަތަކީ މިހާރުވެސް ދުނިޔޭގެ 60އަށް ވުރެ ގިނަ ގައުމުގައި ކާމިޔާބު ކަމާއެކު ދެމުން އަންނަ ޚިދުމަތެކެވެ.

comment ކޮމެންޓް