ޗައިނާގެ ބީވައިޑީއިން އިންޑޮނޭޝިއާގައި ހަދާ ބިލިއަން ޑޮލަރުގެ ޕްލާންޓް މިއަހަރު ތެރޭ ނިންމަނީ

ބީވައިޑީ އިންޑޮނޭޝިއާގެ ރައީސް ޑިރެކްޓަރު އީގަލް ޒާއޯ - ފޮޓޯ: ރޮއިޓާސް

ޗައިނާގެ އެންމެ ބޮޑު އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ބީވައިޑީއިން އިންޑޮނޭޝިއާގައި ގާއިމްކުރާ އެއް ބިލިއަން ޑޮލަރުގެ ޕްލާންޓްގެ މަސައްކަތް 2025ވަނަ އަހަރު ނިޔަލަށް ނިންމާނެކަމަށް އެ ކުންފުނީގެ އިންޑޮނޭޝިއާގެ ޔުނިޓްގެ ވެރިޔާ އީގަލް ޒާއޯ ބުނެފިއެވެ.

ވެސްޓް ޖާވާގެ ސުބަންގައި އަޅަމުންދާ މި ޕްލާންޓަކީ އަހަރަކު 150،000 އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ޤާބިލްކަން ހުންނާނެ ޕްލާންޓެކެވެ. ޒާއޯ ވިދާޅުވި ގޮތުގައި މި ޕްލާންޓް ނިމުމަށްފަހު ގިނަ ދުވަހެއް ނުވެ ވެހިކަލް އުފެއްދުން ފެށޭނެއެވެ.

މި ޕްލާންޓްގެ ދުރު ރާސްތާގެ މަޤްޞަދަކީ އެކްސްޕޯޓް މާކެޓަށް އަމާޒުކުރުމެވެ. އަދި މިހާރު އިންޑޮނޭޝިއާގައި ބީވައިޑީއިން ވިއްކަމުންދާ ހަތަރު މޮޑެލްގެ އިތުރުން އިތުރު މޮޑެލްތައް މިއަހަރު ތަޢާރަފްކުރާނެ ކަމަށް ޒާއޯ ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ ބީވައިޑީއިން އިންޑޮނޭޝިއާގައި ވިޔަފާރި ފެށި ފުރަތަމަ އަހަރެވެ. މި އަހަރު އެ ކުންފުނިން ވަނީ 15،429 ވެހިކަލް ވިއްކާފައެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީން ނޮވެމްބަރާ ހަމައަށް، ބެޓަރީ އިލެކްޓްރިކް ވެހިކަލްގެ މާކެޓް ޝެއާގެ 36 ޕަސެންޓް ހިއްސާކޮށް، އިންޑޮނޭޝިއާގެ އީވީ މާކެޓްގައި އެންމެ ކުރީގައި ވަނީ ބީވައިޑީއެވެ.

އިންޑޮނޭޝިއާ ސަރުކާރުން އަމާޒު ކުރަނީ 2030 ވަނަ އަހަރާ ހަމައަށް 600،000 އިލެކްޓްރިކް ވެހިކަލް އެ ގައުމުގައި އުފެއްދުމަށެވެ. އަދި ބީވައިޑީގެ އިންވެސްޓްމަންޓާ ގުޅިގެން، ވަގުތީ ގޮތުން އެ ކުންފުނީގެ ވެހިކަލްތަކަށް އިމްޕޯޓް ޑިއުޓީ މަޢާފުކޮށްދީފައިވެއެވެ.

ފާއިތުވި އަހަރު ބީވައިޑީއިން ދުނިޔޭގެ ފެންވަރުގައި ހަތަރު މިލިއަނަށްވުރެ ގިނަ ވެހިކަލް ވިއްކާފައިވާއިރު، ދެކުނު އޭޝިއާގައި އެ ކުންފުނީގެ ހާޒިރީ ވަރުގަދަކުރަމުންދެއެވެ. މީގެ ތެރޭގައި 490 މިލިއަން ޑޮލަރު ހޭދަކޮށްގެން ތައިލެންޑްގައި ގާއިމްކުރި، އަހަރަކު 150،000 ވެހިކަލް އުފެއްދުމުގެ ޤާބިލްކަން ހުރި ޕްލާންޓެއް ވެސް ހިމެނެއެވެ.

އިންޑޮނޭޝިއާއަކީ މިހާރު ބިލިއަން މީހުންގެ އާބާދީއެއް އޮތް، އަދި މެދު ފަންތީގެ އާބާދީއެއް އިތުރުވަމުންދާ ޤައުމެކެވެ. އެ ޤައުމުގެ އޮޓޯމޯޓިވް މާކެޓްގައި މިހާތަނަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރަމުން އައީ ޖަޕާން އަދި ކޮރެއާގެ ކުންފުނިތަކެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގައި ނިކަލްގެ އެންމެ ބޮޑު އެއް އުފެއްދުންތެރިޔާ ކަމަށްވެފައި، އިލެކްޓްރިކް ވެހިކަލް ބެޓެރީ އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާއެއް ކަމަށްވާ ނިކަލް ގިނަ އަދަދަކަށް އެ ޤައުމުގައި އުފެއްދުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނިތައް އެ ޤައުމުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ގައުމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު