މަސް ރޭހުގެ ވަނަތައް ހޮވައި، ފަންޑު ފޮށި ގުނުން ފަސް

މަސް ރޭހުގައި އެންމެ ގިނައިން މަސް ބޭނި ބައިވެރިޔަށް ދޮށްޓެއް ހަވާލު ކުރަނީ --- ސަން ފޮޓޯ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ފަންނާނުންނާއި އާންމުން ގުޅިގެން ހިންގި މަސް ރޭހުގެ ވަނަތައް ހޮވައިފިއެވެ.

"އިންސާނިއްޔަތަށްޓަކައި"ގެ ނަމުގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ކުރިއަށް ގެންދާ ފަންޑްރެއިޒިން އިވެންޓްގެ ތެރެއިން މަސް ރޭސް އިވެންޓެއް ވަނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންގޮސްފައެވެ.

މި މަސް ރޭހުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވެފައިވާއިރު އެއިން ބޮޑު ފައިދާއެއް ވަނީ ލިބިފައެވެ. ގިނަ ބައެއްގެ ފަރާތުން މަސް ރޭހުގައި ބައިވެރިވެ އެހީ ވަނީ ދީފައެވެ.

މި އިވެންޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެކްޓަރު މުހައްމަދު މަނިކު ބުނެފައިވަނީ އިއްޔެ ހަވީރު ބޭއްވި އިވެންޓެއްގައި ވަނީ ވަނަތަކަށް އައި ފަރާތްތައް ފާހަގަކޮށްފައި ކަމަށެވެ.

އެންމެ ގިނައިން މަސް ބޭނި ގްރޫޕަށް ލިބޭ 10،000 ރުފިޔާ އިނާމު، ފަލަސްތީނުގެ ފަންޑަށް ވަނީ ހަދިޔާ ކޮށްފައި --- ސަން ފޮޓޯ

އެގޮތުން އެންމެ ގިނައިން މަސް ބާނާފައިވާ މީހާ އާއި ގްރޫޕު ވެސް ވަނީ ފާހަގަކޮށްފައެވެ. އެންމެ ގިނައިން މަސް ބޭނި މީހާއަށް ވަނީ ދޮށްޓެއް ހަވާލު ކޮށްފައެވެ.

އެންމެ ގިނައިން މަސް ބޭނި ގްރޫޕަށް ވަނީ 10،000 ރުފިޔާގެ އިނާމު ސްޕޮންސާ ކޮށްފައެވެ. މި ހުރިހާ ފައިސާ އެއް ވަނީ ފަންޑު ފޮށްޓަށް ހަވާލު ކޮށްފައެވެ.

އެންމެ މަދުން މަސް ބާނާ ދޯނި ވަނީ 2،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މި ޖޫރިމަނާ ވެސް ވަނީ އިވެންޓުގައި ހަވާލު ކޮށްފައެވެ.

މި އިވެންޓުގެ ވަނަތައް ހޮވައި އެކަން ފާހަގަ ކޮށްފައިވާއިރު އަދި ފަންޑު ގުނާފައެއް ނުވެއެވެ. މަނިކު ބުނެފައިވަނީ ފަންޑަށް ލިބިފައިވާ ޖުމްލަ ފައިސާ ގުނުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ފަންޑު ގުނާފައިނުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ލަފާ ކުރެވޭ ގޮތުގައި ފަންޑު ފޮށި ގުނާނީ މި މަހުގެ ފަހު ކޮޅުގައި ކަމަށް މަނިކު ވަނީ އިޝާރާތް ކޮށްފައެވެ.

comment ކޮމެންޓް