ރާއްޖޭގެ ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް އެއް ތަނަކުން ފެނިގެންދާ ޚާއްސަ "ތަރިންގެ ރޭ" އިވެންޓް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަރީންގެ ރޭ އިވެންޓަކީ މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވަން ހަމަޖެހިފައިވާ ޝޯތަކެކެވެ.
މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާއާއި މަޝްހޫރު ފަންނާނު ޖާދުﷲ އިސްމާއީލް ފަދަ ފަންނާނުންތައް އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯތަކަކީ ރާއްޖޭގެ ފިލްމީ ފަންނާނުންގެ ބޮޑު އިވެންޓެކެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރަށް މައޫލޫމާތު ދެމުން މަޝްހޫރު ތަރި މަރިޔަމް އައްޒަ ފާހަގަކޮށްފައިވަނީ މި ފަހަރުގެ ތަރިންގެ ރޭ އިވެންޓުގައި ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ 20 ވަރަކަށް ފަންނާނުން ފެނިގެންދާނެ ކަމަށެވެ.
އޭގެ ތެރޭގައި ކުރީގައި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފަންނާނު މަރިޔަމް ނިޝާ ހިމެނޭ ކަމަށް އައްޒަ ފާހަގަކުރިއެވެ. މީގެ އިތުރުން ވެސް ޝީލާ ނަޖީބު ފާތިމަތު އާޒިފާ (އަޒޫ) ފަދަ ތަރީންތައް މި ފަހަރުގެ ތަރިންގެ ރޭ އިވެންޓުން ފެނިގެންދާނެއެވެ.
މިރެއާއި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯތަކަކީ ގިނަ ދުވަސްތަކަކަށް ފަހު މާލޭގައި ބޭއްވޭ މިފަދަ ފުރަތަމަ ޝޯއެވެ. އެންމެ ފަހުން މިފަދަ ތަރީންގެ އިވެންޓެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ.
އެއާ އެކު މިރޭ ބާއްވާ ޝޯ ވަރަށް ޚާއްސަ ވެގެން ދާނެއެވެ. މިރޭގެ ޝޯއަށް ފަހު ރެޑް ކާޕެޓް އިވެންޓެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އިވެންޓުގައި ބައިވެރިވާ ގިނަ ތަރިންތަކަކީ ޕަފޯމް ކުރާނެ ބަޔަކަށް ވާތީ ރެޑް ކާޕެޓް އިވެންޓު އޮތީ ޝޯއަށް ފަހު ބޭއްވުމަށް ނިންމާފައެވެ.
ޝޯގެ ޓިކެޓް ވިއްކަނީ 200 ރުފިޔާއާއި 300 ރުފިޔާއަށެވެ.