ޖާންވީއަށް ހޮސްޕިޓަލު އެހާ ކަމަކު ނުދިޔަ

ބަތަލާ ޖާންވީ ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ދާދި ފަހުން ކާނާ ވިހަވުމާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު ބަތަލާ ޖާންވީ ކަޕޫރަށް ހޮސްޕިޓަލުގައި ކުރެވުނު ތަޖުރިބާތައް އެހާ ރަނގަޅު ނޫން ކަމަށް ބަތަލާ ބުނެފިއެވެ.

ހޮސްޕިޓަލުގައި ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް ވޭން އުފުލަން ޖެހުނު ދުވަސްތަކެއްގެ ގޮތުގައި ޖާންވީ ވަނީ ސިފަކޮށްފައެވެ.

ކާނާ ވިހަވުމާ ގުޅިގެން ދިމާވި ސިއްހީ މައްސަލަތަކަށް ފަހު ބަތަލާ ވަނީ ފިލްމީ މަސައްކަތްތަކަށް ނުކުމެފައެވެ. ކާނާ ވިހަވުމާ ގުޅިގެން ޖާންވީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށާއި އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުމެވޭނެ މުއްދަތެއް ނޭނގި ބައެއް މަސައްކަތްތަށް ނުނިންމޭނެކަމުގެ ބިރު ހީވިކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީ ކަޕޫރު ކޮއްކޮ ޚުޝީ ކަޕޫރާ އެކު--ފޮޓޯ/ފިލްމުފެއަ

މިހާތަނަށް ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ނެތުމުން ޖާންވީއަށް ކުރެވުނީ މުޅިން އާ ތަޖުރިބާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެންމެ ކަންބޮޑުވާ އެއް ކަމަކީ ބަލިވެގެން ހޮސްޕިޓަލުގައި އޮންނަން ޖެހިދާނެތީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ކާނާ ވިހަވުމާ ގުޅިގެން ޖާންވީގެ ހާލު ދެރަވީ ބަތަލާގެ ކުރިއަށް އޮތް ފިލްމު "އުލަޖް"ގެ ޕްރޮމޯޝަން މަސައްކަތެއްގައި އިންޑިއާގެ ޗެންނާއީއަށް ކުރި ދަތުރުގައި އެއަޕޯޓުގައި ކެވުނު އެއްޗެއްގެ ސަބަބުންނެވެ.

އަންނަ މަހު ދެވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "އުލަޖް"އިން ޖާންވީ ފެންނާނީ އިންޑިއާއިން ބޭރު ޤައުމަކަށް އައްޔަންކޮށްފައިވާ ޒުވާން އެމްބެސެޑަރެއްގެ ރޯލުންނެވެ. ސިޔާސީ ހަލަބޮލިކަމެއްގެތެރެއިން ހިމާޔަތް ހޯދަން ޖާންވީ މަސައްކަތްކުރާ ތަން ދައްކުވައިދޭ މި ފިލްމުގެ މުހިއްމު ރޯލްއިން ބަތަލާއާ އެކު އެކްޓަރު ގުލްޝަން ދޭވިއާ ފެންނާނެއެވެ.

comment ކޮމެންޓް