ސީޒަންގެ ފުރަތަމަ ކްރޫޒްލައިނާއިން 2،000 އަށް ވުރެ ގިނަ ފަތުރުވެރިން

މި ސީޒަންގައި ފުރަތަމަ ރާއްޖެ އައި ކްރޫޒްލައިނާ 'އައިދިއާބެލާ' --- ފޮޓޯ: މާޔާ

ރާއްޖޭގެ ޓޫރިޒަމް ސީޒަން ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައިވާއިރު، މި ސީޒަންގައި އައި ފުރަތަމަ ކްރޫޒްލައިނާ އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު "ސަން"އަށް ވިދާޅުވީ އިޓަލީގެ ކްރޫޒްލައިނެއް ކަމަށްވާ "އެމްއެސް އައިދިއާބެލާ" ރާއްޖެ އައީ އިއްޔެ ހެނދުނު 10:02 ހާއިރު ކަމަށެވެ.

"އެމްއެސް އައިދިއާބެލާ"އިން 2،008 ފަތުރުވެރިންނާ އެކު 600 ކްރޫއިން އައިސްފާވާއިރު މާލެގައި ބަނދަރު ކުރުމަށް ހަމަޖެހިފައިވަނީ ދެ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އައިދިއާ ބެލާއިން އައި ފަތުރުވެރިން މާލޭގައި --- ފޮޓޯ: މާޔާ

އޭނާ ވިދާޅުވީ، ކްރޫޒްލައިނާއިން އައި ފަތުރުވެރިން އިއްޔެއާއި މިއަދު މާލެއަށް ފައިބާ އުޅުނު ކަމަށެވެ. ރާއްޖެއަށް ފަހު ދެން އެ ކްރޫޒްލައިނާ ދާނީ ކޮލޮމްބޯއަށެވެ. އެންމެ ފަހުން ދާނެ ގައުމަކަށް ވާނީ ދުބާއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ރާއްޖެއަށް އެންމެ ފުރަތަމަ ކްރޫޒްލައިނާ އައިސްފައިވާއިރު ސީޒަން ތެރޭ އިތުރު ކްރޫޒްލައިނާތައް އަންނާނެ ކަމަށް މާޔާއިން ލަފާ ކުރެއެވެ.

ސަރުކާރުން ލަފާ ކުރަނީ އަންނަ އަހަރާއި ހަމައަށް 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ޖުމްލަ 1.5 މިލިއަނަށް ވުރެ މައްޗަށް އަރާނެއެވެ.

comment ކޮމެންޓް