ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
މިގޮތަށް ކަނޑައެޅުއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި ބޭއްވި މަޝްވަރާއެެއްގައި ރައީސްގެ ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށް ފަހުގައެވެ.
ހެރިޓޭޖު މިނިސްޓްރު ޔުމްނާ މައުމޫން ވިދާޅުވީ، މީގެ ކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.
އެހެންވެ، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު 12 ވަނަ ދުވަހު ސަގާފީ ތަރިކަ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް، ރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަސްދީޤުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާތީ، އެ ދުވަސް ވުޖޫދަށްއައި ތާރިޚު، ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކަމާ ގުޅޭ ކަރުދާސް ހުށަހަޅުއްވަމުން ޔުމްނާ ވިދާޅުވީ، ގައުމީ ފެންވަރުގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.