އެމްޑީޕީން ހުށަހެޅި ނަޝީދުގެ މައްސަލައަށް ޑިމޮކްރެޓުން ތަދައްޚުލްވާން ނިންމައިފި

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށްނުދާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް, ދަ ޑިމޮކްރެޓްސްގެ ވަކިވަކި މެންބަރުންނަށް ތަދައްޚުލް ނުވެވޭނެކަން އެ ކޯޓުން އެންގުމުން، މުޅި ޕާޓީ އެކުގައި މައްސަލައިގައި ތަދައްޚުލްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ފަދައިން ނިންމީ މިއަދު ހަވީރު އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވަނީ އެ ބައްދަލުވުމަށް ގަރާރެއް ހުށަހަޅައިފައެވެ.

އެ ގަރާރުގައިވަނީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޑިމޮކްރެޓުންގެ ވެސް ހައްގު ހިމެނޭކަމަށެވެ. އަދި އެ މައްސަލަ ނިމޭ ގޮތަކުން އެ ޕާޓީއަށް ވެސް އޭގެ އަސަރު ކުރާނެކަމަށެވެ.

މި މައްސަލައިގައި ޑިމޮކްރެޓުންގެ ފަރާތުން ވަކާލާތުކުރާނީ ޕާޓީގެ އިންޓެރިމް ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކަނޑައަޅުއްވާ ބޭފުޅެކެވެ.

https://sun.mv/184205

އާޒިމް "ސަން"އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ތަދައްޚުލް ވާން އެދުމުން ސުޕްރީމް ކޯޓުން ދިން ޖަވާބުގައި، ތަދައްޚުލް ނުވެވޭނެ ކަމަށް ޖަވާބު ދީފައިވާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އިންޑިވިޖުއަލް މެންބަރުންގެ ގޮތުގައި ހުށަހެޅީމަހެން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ތަދައްޚުލް ވާން ފުރަތަމަ އެދިފައި ވަނީ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ތެރެއިން، ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ނުހިމެނޭ ގޮތަށް މާލޭގައި ތިއްބެވި މެންބަރުން ކަމަށެވެ.

އެ މައްސަލައަށް ތަދައްޚުލް ވުމަށް ޕީޕީއެމް، ޕީއެންސީން ވެސް ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފައި ވަނީ މާދަމާ 10:00 އާއި 12:00 އާ ދެމެދުގެ ވަގުތަކަށެވެ.

comment ކޮމެންޓް