ކައުންސިލްތަކުން ހަދާ ގަވާއިދުތައް ނިންމަންވާނީ، ގާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ ހައްގަަކަށް އެއްވެސް ކަހަލަ އުނިކަމެއް ލިބިގެން ނުދާނެހެން ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ބުނެފިއެވެ.
އެލްޖީއޭއިން އެހެން ބުނީ، ވ. ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ރައްޔިތުން، އެ ފައިދާ ނުދައްކަނީސް އެ މީހުންގެ އާއިލާ ހިމެނޭ ގޮތަށް، ޚިދުމަތް ނުދޭނެ ކަމަށް އެ ކައުންސިލުން އިއުލާންކުރި ފަހުންނެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލުން ނިންމާ ނިންމުންތައް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން ލިބިފައިވާ ބާރުގެ ތެރެއިން ނިންމާ ނިންމުމަކަށް ވާންވާނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ކައުންސިލަކާއި ރައްޔިތަކާއި ވެވޭ މުއާމަލާތެއްގެ ސަބަބުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން އެފަރާތަކާމެދު ފިޔަވަޅު އަޅަން ވާނީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އަދި އެފަދަ ކަމަކާ ގުޅިގެން އެ މުއާމަލާތުގައި ހިމެނިފައިނުވާ އަސާސީ ހައްގެއް ހިފެހެއްޓުމުގެ ބާރެއް ކައުންސިލްތަކަށް ލިބިގެންނުވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"އެއްވެސް ރައްޔިތެއްގެ މައްޗަށް އަމަލުކުރުން ލާޒިމް ނުވާ ނިންމުމެއް ނިންމުމުގެ ކުރިން އެކަމަށް ބޭނުންވާ ގަވާއިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓްކުރުން މުހިންމު," އޮތޯރިޓީން ބުންޏެވެ.
އެލްޖީއޭގެ ބަޔާނުގައި ބުނީ ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއާމަލާތްތަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ބޮޑެތި އުދަނގޫތަކާއި ކުރިމަތި ލާންޖެހޭ ކަން ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
ފެލިދޫ ރައްޔިތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެރަށު ކައުންސިލުން އެމީހަކަށާއި އޭނާގެ އާއިލާއަށްދޭ ޚިދުމަތްތައް ކަނޑާލަން ނިންމާފައިވަނީ، މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 29ވަނަ އާންމު ޖަލްސާގައެވެ.
އެހެންކަމުން ދަރަނި އަދާކޮށް ނިންމަންދެން އެފަދަ މީހުންގެ އަނބި/ފިރި އަދި ދަރިންނަށް ކައުންސިލުން ދޭންޖެހޭ އެއްވެސް ޚިދުމަތެއް ނުދިނުމަށް ނިންމީކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.