ވ. ފެލިދޫ ރައްޔިތުންގެ އާމުދަނީއަށް ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެރަށު ކައުންސިލުން އެމީހަކަށާއި އޭނާގެ އާއިލާއަށްދޭ ޚިދުމަތްތައް ކަނޑާލަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ، މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 29ވަނަ އާންމު ޖަލްސާގައެވެ. މި ނިންމުމާ ގުޅިގެން އެރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ނުދައްކާމީހުންގެ އަތުން ފައިސާ ހޯދުމަށް އެ ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކޮށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން ދަރަނި އަދާކޮށް ނިންމަންދެން އެފަދަ މީހުންގެ އަނބި/ފިރި އަދި ދަރިންނަށް ކައުންސިލުން ދޭންޖެހޭ އެއްވެސް ޚިދުމަތެއް ނުދިނުމަށް ނިންމީކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ވަނީ، ފައިސާ ދައްކަންޖެހޭ މީހުން ފައިސާ ދެއްކުމަށް މި ނިންމުމާ ގުޅިގެން ފަސް ދުވަސް ދޭނެކަމަށެވެ. އަދި އެ މުއްދަތުގައި ވެސް ފައިސާ ނުދައްކައިފި ނަމަ، އެ ފަރާތްތަކުގެ ލިސްޓު ކޮންމެ މަހަކު އާންމު ކުރާނެކަމަށް އެ ބަޔަނުގައި ވެއެވެ.
ފެލިދޫއަކީ އާބާދީގައި 490 މީހުން އުޅޭ ރަށެކެވެ.