ފަހަރު ޒަމާންގެ ސެންޗަރީއާ އެކު ޕާކިސްތާނުން ނިއުޒީލަންޑް ބަލިކޮށްފި

ވާރޭ ވެހުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން މި މެޗު މެދުކަނޑާލަން ޖެހުނު / ފޮޓޯ: ކްރިކެޓް އެޑިކްޓާ

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނާއި ނިއުޒީލަންޑް ބައްދަލުކުރި މެޗު ޕާކިސްތާނުން ކާމިޔާބުކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.

ބެންގަލޯގައި ކުޅުނު މި މެޗު ވާރޭ ވެހުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން މެދު ކަނޑައިލާ ކުޅޭ އޯވަރު ވެސް މަދުކުރަން ޖެހުނެވެ. ޕާކިސްތާނުން މެޗު ކާމިޔާބު ކޮށްފައިވަނީ ޑަކްވާތު ލުއިސް ސްޓާން ބޭނުން ކޮށްގެން 12 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ނިއުޒީލަންޑުން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 401 ލަނޑު ހެދިއެވެ.

މެޗުގައި ނިއުޒީލަންޑަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި 108 ލަނޑު ހަދައިފިން ރަޗިން ރަވިންދްރާއެވެ. އަދި، ކެޕްޓަން ކޭން ވިލިއަމްސަން ވަނީ 95 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 60 ލަނޑަށް 3 ވިކެޓް ނަގައިދިން މުހަންމަދު ވަސީމެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި 21 އޯވަރު ތިން ބޯޅައަށް އެއް ވިކެޓް ގެއްލިގެން 160 ލަނޑު ހެދިއެވެ. މީގެ ތެރޭގައި 63 ބޯޅައިން ފަހަރު ޒަމާން ހެދި ސެންޗަރީ ވެސް ހިމެނެއެވެ. ނަމަވެސް އެހާ ހިސާބުން ވާރޭ ވެހެން ފެށުމާ އެކު މެޗު މެދު ކަނޑާލާ އަލުން ފެށީ 41 އޯވަރުގެ ތެރޭގައި 342 ލަޏޑުގެ ޓާގެޓެއް ޕާކިސްތާނަަށް ދިނުމަށް ފަހުއެވެ. ނަމަވެސް އިތުރަށް ކުޅެވޭވަރުވީ ހަތަރު އޯވަރެވެ. މިގޮތުން ޕާކިސްތާނުން ހުއްޓާލިއިރު ވަނީ 25 އޯވަރު ތިން ބޯޅައަށް 200 ލަނޑު ހަދާފައެވެ. ފަހަރު ޒަމަން އެހާތަނަށް ވަނީ ނުބައިނުވެ 126 ލަނޑު ހަދައިދީފައެވެ. އަދި، ކެޕްޓަން ބާބަރު ޒަމާން ވަނީ 66 ލަނޑު ހަދާދީފައެވެ.

މެޗުގައި ޕާކިސްތާނުން ވަނީ ނިއުޒީލަންޑްގެ އުކުންތެރިންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލައިގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގާފައެވެ.

މި ކާމިޔާބީއާ އެކު ޕާކިސްތާން މިހާރު އުޅެނީ އަށް މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި ނިއުޒީލަންޑް އުޅެނީ އަށް މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގައެވެ.

comment ކޮމެންޓް