ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާއި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށާއި، އެމްޑީޕީން ހުށަހެޅި މައްސަލަ ކޯޓުގައި އޮތް ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ނައިބު ރައީސް އީވާ އަބްދުﷲއަށް ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުން ބުނެފިއެވެ.
އީވާ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ބޭބޭފުޅު، ނަޝީދު ވަކިކުރުމުގެ މައްސަލައާ ގުޅޭ ކަންކަމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެ މައްސަލައިގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރި ވާކަމަަށެވެ.
މި މައްސަލައާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހު މަޖިލީހުން އީވާއަށް ފޮނުވާފައިވާ ސިޓީއެއް "ސަން" އަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި މަޖިލީހުން ބުނެފައިވަނީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވުމަށް ނައިބު ރައީސް ވަޑައިނުގެންފި ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާ، އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެކަމަށް ކަނޑައަޅުއްވައި ދިނުމަށް ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނުނިންމާ މަޖިލީހުގެ އިތުރު މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް ވެސް އެމްޑީޕީން އެދިފައި ވާކަމަށް މަޖިލީހުން ބުނެފައި ވެއެވެ.
އެހެންކަމުން، ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް ފެންނަކަމަށް މަޖިލީހުން ބުނެއެވެ. އަދި ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ރިޔާސަތު ބެލެހެއްޓުމަށް ވަނީ އެދިފައެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އާލާސްކަންފުޅުގެ ސަބަބުން އީވާއައީ މަޖިލީހަށް ސަލާމް ފޮނުއްވަމުންނެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.