ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރު މިއަދަށް އެޖެންޑާކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވުމުން ޖަލްސާ ނުބޭއްވޭނެކަން އަންގައިފިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނުވެއެވެ.
ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި ވަނީ އޭގެ ތެރެއިން ގަވާއިދެއްގައި ނެތް ކަމެއް ދިމާވެއްޖެނަމަ ދެން އަމަލު ކުރާނީ ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި އަމަލު ކުރާ އުސޫލަކުން ކަމަށް ބުނެފައެވެ.
އެ ގަރާރު ހުށަހެޅުއްވި އެމްޑީޕީގެ މެންބަރުންގެ އިތުރުން ރައީސް ނަޝީދާއި ކޮއްކޯފުޅު އީވާ ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވެސް މިއަދު މަޖިލީހަށް ހާޒިރުވިއެވެ.
އެ މެންބަރުންނާ މުހާތަބު ކުރައްވައި އަމީންއާންމު ވިދާޅުވީ އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ މިއަދު ހެނދުނު 6:27ގައި ސަލާން ވިދާޅުވެފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއެއްގައި ހުށަހަޅަން ޖެހޭ ގަރާރެއް ކަމަށްވާތީ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވެސް މި ގަރާރު އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސަށް ދަންނަވާނެކަން އިއްޒަތްތެރި މެންބަރުންނަށް ދަންނަވަން،" އަމީންއާންމު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެމްޑީޕީން ނަޝީދު ވަކިވުމާ އެކު އެ މަނިކުފާނާއި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅިއެވެ. އެކަމަކު، އެ ފަހަރު ދެ މައްސަލަ އެއްފަހަރައި ހުށަހެޅުމުން މުޅި މަޖިލީސް ހުއްޓުނީއެވެ. އެހެންވެ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭ ނަޝީދުގެ ސަޕޯޓަރުންގެ ރުހުން ހޯދަން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.
އެކަމަކު، ދެވަނަ ބުރުގައި ވެސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދު ނުކުރުމުން، އަނެއްކާ ވެސް އެމްޑީޕީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.
އެންމެ ފަހުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައި ވަނީ 49 މެންބަރުގެ ސޮޔާއެކުގައެވެ.