އާލާސްކަންފުޅާ ހެދި އީވާ މިއަދުވެސް ސަލާމުގައި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދިވެސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމުގެ ސަބަބުން، އެމްޑީޕީން ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަސްވަނަ ފަހަރަށް އެޖެންޑާކުރި ޖަލްސާ ކެންސަލްވެއްޖެއެވެ.

މި މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް، އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ، ސަލާން ވިދާޅުވުމުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި އިންނަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތުގައި ދެން އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.

މިދިޔަ ހަފުތާ އަންގާރަ ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކަށް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރިއެވެ. ނަމަވެސް ކޮއްކޯފުޅު އީވާ ސަލާން ވިދާޅުވާތީ މަޖިލިސް ކުރިއަށް ނުގެންދެވެއެވެ.

މަޖިލީހުގެ ތެރެއިން މި މައްސަލައަށް ހައްލެއް ނުލިބުމުން އެމްޑީޕީން ވަނީ އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ އަންނަ ހޯމަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. މި މައްސަލައަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ތަދައްޚުލްވާން ނިންމައިފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

މަގާމުން ވަކިކުރެވޭ ވަރަށް ސޮއި ހަމަކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދާތީ މަޖިލިސް އޮތީ ހުއްޓިގައެވެ. ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ބުނަނީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މަޖިލިސް ހުއްޓިފައި އޮތްއިރު މިއަހަރުގެ ބާކީ ބަޔަށް ހަރަދު ކުރާނެ ފައިސާ ނެތިގެން ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހަޅައިފައެވެ. އަދި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ޖެހެއެވެ.

އެމްޑީޕީން ބުނަނީ ނަޝީދު ރިޔާސަތުގައި އިނދެ މުއިއްޒު ކުރައްވާ ހުވާ ގަބޫލުނުކުރައްވާނެ ކަމަށެވެ. އަދި، އެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް