އޮސްޓްރޭލިޔާގައި ވިންޑްސާފް ކުރަން އުޅުނު މީހަކު ބޮޑުމަހެއްގައި ޖެހިއްޖެ

އޮސްޓްރޭލިޔާގައި ވިންޑްސާފް ކުރަން އުޅުނު މީހަކު ބޮޑުމަހެއްގައި ޖެހި، އަނިޔާއެއް ނުވެ ސަލާމަތްވެއްޖެއެވެ.

ޖޭސަން ބްރީން ނަމަކަށް ކިޔާ މިމީހާއަށް ދިމާވި މިހާދިސާގެ ވީޑިއޯ އޭނާގެ ގޯޕްރޯ ކެމެރާއަށް ވަނީ އެއްކޮށް ރެކޯޑްވެފައެވެ. އަދި މިވީޑިއޯ މިހާރުވަނީ އިންޓަނެޓްގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

އޮސްޓްރޭލިޔާ ޓީވީގެ ޓުޑޭ ޝޯއަށް މައުލޫމާތު ދެމުން ޖޭސަން ބްރީން ބުނީ ވިންޑްސާފް ކުރަމުން ދަނިކޮށް، އޭނާއަށް ބޮޑުމަސް ފެނުނު ކަމަށާއި، ނަމަވެސް ފުރަތަމަ އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.

ނަމަވެސް ދެން ކުއްލިއަކަށް ފެނުނީ ބޮޑުމަސް އައިސް އޭނާގެ ގައިގައި ޖެހުނުތަން ކަމަށް އޭނާ ބުންޏެވެ. އަދި ސާފުބޮޑުގެ ވާގަނޑު މަހުގައި އޮޅި، މޫދު އަޑީގެ 30ކަށް ފޫޓަށް އޭނާ ދަމައިގަނެގެން ގެންދިޔަކަމަށް ޖޭސަން ބުންޏެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން، ވާގަނޑު ބުރިވެ، ބޮޑުމަހުން ދޫވުމުން، ފަތާފައި މައްޗަށް އެރީކަމަށް ޖޭސަން ކިޔައިދިނެވެ.

އޭނާގެ ގައިގައި ޖެހުނީ ޅަ ބޮޑުމަހެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި، ރަހުމަތްތެރިންނަށް މިވާހަކަ ކިޔައިދިނުމުން ފުރަތަމަ ޤަބޫލުވެސް ނުކުރާ ކަމަށް ޖޭސަން ކިޔައިދިނެވެ.

comment ކޮމެންޓް