ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ނިންމަވައިފި

އޮކްޓޫބާރ 1، 2020: އާބާތުރަ ފިލުވުމަށް ވަގުތީ ގޮތުން ބަންދުކުރުމަށްފަހު މާލޭ ހުކުރު މިސްކިތް އަލުން ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފާ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާ އެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މި ނިންމުން ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެ ކަރުދާހުގައި ވާގޮތުން، ހުކުރު މިސްކިތް ވަށައިގެން ބަފާޒޯނެއްގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެ ކަމުގެ ޤަވާޢިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ.

މީގެ އިތުރުން، މި ޒޯނުގެ ކަންކަން ހިނގާނެ ޤަވާޢިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްޤީކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުމާއި އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑުކުރުމާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު ލިބި ފަތުރުވެރިކަމުގެ އާ ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، ޢިޤްތިޞާދަށް ވެސް ހެޔޮބަދަލުތަކެއް ގެނައުން ހިމެނެއެވެ.

ރައީސް މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަން ހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެއެވެ.

އެގޮތުން އެ ޒޯން ކަނޑައަޅުއްވާފައިވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް ޢުލޫމްގެ އިތުރުން ޖުމްހޫރީ މައިދާން ވެސް ހިމެނޭ ގޮތަށެވެ.

comment ކޮމެންޓް