ގައުމިއްޔަތު ޕްރޮގްރާމުގައި މިހާތަނަށް 2000އެއްހައި މީހުން ބައިވެރިވެއްޖެ: މިނިސްޓްރީ

ތަރިކައާބެހޭ ވުޒާރާއިން ބުނީ މި ސަރުކާރުން މިހާތަނަށް 2،000އެއްހައި ދިވެހީން ގައުމިއްޔަތު ޕްރޮގްރާމުގައި ބައިވެރިވެފައި ވާކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ކުރިއަށްގެންދާ ގައުމިއްޔަތު ޕްރޮގްރާމުގައި މިހާތަނަށް 2،000އެއްހައި ދިވެހީން ބައިވެރިވެފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން ތަރިކައާބެހޭ ވުޒާރާގެ ނައިބު އާއިޝަތު ޝިމްލާ ވިދާޅުވީ ގާތްގަނޑަކަށް 2،000 ދިވެހީންނަށް ގައުމިއްޔަތު ތައާރަފު ކޮށްދެވުނުއިރު، އޭގެ ތެރޭގައި މުއައްސަސާތަކާއި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައުލޫމާތުތައް މުއައްސަސާތަކަށް ފޯރުކޮށްދިނީ، މިނިސްޓްރީން އެ މުއައްސަސާތަކަށް ގޮސްގެންނެވެ. މީގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން، ގާތްގަނޑަކަށް 600 ސްކޫލް ދަރިވަރުންނަށް ވެސް ގައުމިއްޔަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމިއްޔަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްކަންދީގެން، އެ ވުޒާރާއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ވުޒާރާގެ ތެރެއިން ކޮންމެ ހަފުތާއެއްގެ ވެސް ތިން ދުވަހެއް އެބަ ޚާއްސަކޮށްލަން މި އިލްމީ މަޝްވަރާއަށް. މި މަޝްވަރާގެ ތެރެއިން ގައުމިއްޔަތުގެ ކޮންސެޕްޓު (ނޭޝަނަލް އައިޑެންޓިޓީ)ގެ ނަޒަރިއްޔާތުން ކިޔައިދިނުމާއި، ބޭފުޅުންގެ ހިތްތަކުގައި އެ ކަންކަމާގުޅޭ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުމުގެ ކަންކަން ކުރިޔަށްދާނެ" ޝިމްލާ ވިދާޅުވިއެވެ.

ޝިމްލާ ވިދާޅުވީ ތަރިކައާބެހޭ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތަކީ އިލްމީ ނަޒަރަކުން ގައުމާ ދޭތެރޭ ދެކި، ދިވެހީންނާއި ދިވެހި ގައުމަށްޓަކައި ކުރެވޭނެ ކަންކަން ގެނެގަނެ، އެއާ އެއްގޮތަށް މަސައްކަތް ކުރުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތުގެ ވިލަރެސްވެރީންގެ ގޮތުގައި 10 ފަރާތަކު ވަނީ ހަމަޖައްސައިފައެވެ. އެ ބޭފުޅުން ވަނީ ދުނިޔޭގެ ގާތްގަނޑަކަށް 180 ގައުމެއްގައި ތާރީޚާއި ތަރިކައާއި ސަގާފަތާއި ގުޅޭ ކަންކަން ހިނގާ ގޮތް ބަލައި، ދިރާސާއެއް ކޮށްފައި ކަމަށް ޝިމްލާ ވިދާޅުވިއެވެ.

އެ ދިރާސާގެ އަލީގައި ހޯދުނު ހޯދުންތަކަށް ބެލުމަށްފަހު، އެ ވުޒާރާގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން ކުރިޔަށްގެންދާނެ ގޮތް ރާވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"..ގައުމަކީ ވެސް ބަލަހައްޓައިގެން ކަންކަން ކުރެވޭ ތަނެއްކަން، ބަލަހައްޓައިގެން ދެމި އޮވެވޭ ތަނެއްކަން ކަށަވަރު ކުރަން ކުރާ މަސައްކަތް ދެނެގަނެ، އެ ކަންކަން އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންގެ ގައުމާ ދޭތެރޭގައި ވެސް އިރާދަ ކުރެއްވިއްޔާ ކުރެވޭތޯ" ޝިމްލާ ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގެ ސިޔާސަތުތަކުގެ ތެރެއިން ދިވެހި ގައުމިއްޔަތު އިއާދަ ކުރުމުގެ ގައުމީ ނިޒާމުގެ އެންމެހައި ކަންކަން މަތިކޮށްފައިވަނީ ތަރިކައާބެހޭ ވުޒާރާއަށެވެ.

އެ ވުޒާރާގެ ދަށުން ތަރުތީބުވާ މުއައްސަސާތަކުގެ ތެރޭގައި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒާއި، ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު (ދިވެހި ގައުމިއްޔަތުގެ އިސްވަރު)އާއި، ދިވެހި ގައުމީ ޗާޕުޚާނާ ހިމެނެއެވެ.

އޭގެ އިތުރަށް ދިވެހި ބަހުގެ އެކެޑެމީއާއި، ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ހިމެނިގެންވަނީ އެ ވުޒާރާގެ ބެލުމުގެ ދަށުގައެވެ.

comment ކޮމެންޓް