މައްސަލަ ބޮޑުވެފައިވާ ގައުމިއްޔަތު މިނިސްޓްރީއަށް ޕީއެސްއެއް އައްޔަން ކޮށްފި

ޔާނިއު އެ މަގާމަށް އައްޔަންކޮށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނެންޓް ސެކެޓްރީ (ޕީއެސް) އާތިކާ އިބްރާހިމްގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ މިނިސްޓްރީއަށް ޕީއެސްއެއް އައްޔަން ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެ މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަންކޮށްފަިއ ވަނީ، މުޙައްމަދު ޔާނިއު ހާޝިމެވެ. އެ ކޮމިޝަނުން ވަނީ މިއަދު ޔާނިއު އެ މަގާމަށް އައްޔަންކޮށް ލިޔުން ހަވާލުކޮށްފައެވެ.

ޔާނިއު އަކީ މީގެ ކުރީން ހައުސިން މިނިސްޓްރީގެ އިތުރުން އިސްލާމިކް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޔާނިއު އެ މަގާމަށް އައްޔަންކޮށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

ޔާނިއު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މީގެ ކުރީން އެ މަގާމުގައި ހުންނެވި ޝަމްއޫން ހަމީދުގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ. ޝަމްއޫންގެ ދައުރު ހަމަވެފައި ވަނީ މިދިޔަ މިދިޔަ މާޗް މަހަށެވެ.

ޝަމްއޫންގެ ދައުރު ހަމަވުމުން އެ މަގާމު މިއަދާއި ހަމައަށް ފުރަމުން އައީ އެ މިނިސްޓްރީގެ ޑިރެކްޓަރަކަށް ހުންނެވި އާތިކާ އިބްރާހީމްއެވެ.

އޭނާއާ މެދު ހިތްހަމަނުޖެހި، މިނިސްޓްރީގައި މަސައްކަތްކުރާ 22 މުވައްޒަފުން ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަނަށް ޕެޓިޝަނެއް ހުށަހެޅިއެވެ.

އެ ޕެޓިޝަނުގައި ވަނީ އާތިކާ މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބުލީ ކުރާކަމަށެވެ. އަދި އޭނާގެ އަމަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ރުޅިވެރިކަން އުފެދިފައި ވާކަމަށް ވެސް އެ ޕެޓިޝަންގައި ވެއެވެ.

އެ ޕެޓިޝަން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމާއެކު އެ ކޮމިޝަނުން އާތިކާގެ މައްސަލަ ބަލަން ފެށިއެވެ.

ނަމަވެސް، މި ޕެޓިޝަން ހުށަހެޅުމުން ވެސް މައްސަލަ ހައްލުނުވުމުން މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސާ ބައްދަލުކުރުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ހުށަހަޅާފައެވެ.

މި މައްސަލައިގައި ވާހަކަދައްކަވަމުން މީގެ ކުރިން ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، އާތިކާގެ މައްސަލަ ރަސްމީ ސިފައެއްގައި ހުށްހަޅާފައި ނުވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާތިކާއަކީ އެ މިނިސްޓްރީގެ މަސައްކަތްތައް ރަނގަޅަށް ކުރާ މުވައްޒަފެކެވެ.

comment ކޮމެންޓް