ބަޖެޓުގެ މަސައްކަތް ކުރުމަށް ފުރުސަތެއް ނުދޭނަން: އަސްލަމް

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ނުގެންދެވި އޮތް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މާދަމާގެ ޖަލްސާގައި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އެޖެންޑާ އާންމުކޮށްފައި ވަނީ، ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިމެނީސް އެހެން މަސައްކަތްތަކަށް ޖަލްސާ ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަަލަ ހުށަހަޅާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ މިއަދު ބަލައިގެންފައެވެ.

އެޖެންޑާގައި އޮތް ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މެންބަރުން އެއްބާރުލުން ދެއްވާނެތޯ ސުވާލުކުރުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް "ސަން"އަށް ވިދާޅުވީ އެކަމުގައި އެއްބާރުލުމެއް ނުދެއްވާނެ ކަމަށެވެ.

"އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ އެއްބާރުލުމެއް އެކަމުގައި ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މި ކަމުގައި ސުޕްރީމް ކޯޓާ ހަމައަށް ދާންޖެހުނީ ވެސް މަޖިލީހުން ހައްލެއް ނުލިބުނީމާ ކަމަށެވެ.

https://sun.mv/183900

"މީގައި ހައްލެއް ހޯދަން ތިންވަނަ ފަރާތެއްގެ ބަސް ހޯދަން މުހިންމު ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ ކޯޓަށް މައްސަލަ ލާފައިވާނީ،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވައިދެއް އޮއްވައި ބޭނުންވާހާ ގޮތަކަށް އަމަލުކުރުމުގެ ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އެ މައްސަލައިގައި ހައްލެއް އޮންނަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދުގެ މައްސަލަ ހުއްޓުވާތީ، އެމްޑީޕީން ވަނީ އެ މައްސަލަ ކޮޅެއްގައި ނުޖެހެނީސް މަޖިލީހުގެ އެއްވެސް އިތުރު މަސައްކަތެއް ކުރަން އެއްބާރުލުން ނުދޭން ފާސްކޮށްފައެވެ. އަދި، ނަޝީދު ވަކިކުރަން އެ ޕާޓީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.

މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި އިއްޔެއާއި މިއަދު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ މަޖިލީހަށް ވަނީ ދެ ދުވަހު ވެސް ސަލާން ފޮނުއްވައިފައެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާވެސް ނުބޭއްވޭނެ ކަމަށް ބުނެ އަމީންއާއްމު ފާތިމަތު ނިއުޝާ ވަނީ ނިންމަވައިފައެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ އެމްޑީޕީން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ.

comment ކޮމެންޓް