އެހީދޭ ޖަމްއިއްޔާތައް މެދުވެރިކޮށް، ޣައްޒާއަށް ސްޓާލިންކް ޚިދުމަތްދޭން ތައްޔާރު: މަސްކް

އެކްސްގެ ވެރިޔާ އީލޯން މަސްކް: އެކްސްއާ ހަވާލުވުމަށް ފަހު އޭނާ ވަނީ އެ ޕްލެޓްފޯމަށް ބޮޑެތި ބަދަލުތައް ގެނެސްފަ --

ޣައްޒާއަށް އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތައް މެދުވެރިކޮށް އެ ސަރަހައްދަށް، ސްޕޭސް އެކްސްގެ ސްޓާލިންކް ޚިދުމަތް ދޭން ތައްޔާރު ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޯން މަސްކް ބުނެފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މަސްކް ބުނެފައި ވަނީ ޣައްޒާގައި ހުންނަ، ސްޓާލިންކްގެ ސެޓެލައިޓުތަކާ ކަނެކްޓް ކުރެވޭނެ ޓާމިނަލްތައް ކޮންޓްރޯލް ކުރަނީ ކޮން ބަޔެއްކަން ސާފުނުވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުން އެއްވެސް ޓާމިނަލްއެއް މެދުވެރިކޮށް މިހާތަނަށް ސްޓާލިންކްގެ ކަނެކްޝަނަކަށް އެދިފައިނުވާ ކަމަށެވެ.

ސްޓާލިންކްގެ ސެޓެލައިޓުތަކާ ކަނެކްޓްކޮށް، ބާރު ސްޕީޑުގެ އިންޓަނެޓު ފޯރުކޮށްދެވޭނެ ޓާމިނަލްތަކެއް ޣައްޒާގައި ހުރި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް، އެ ޓާމިނަލްތަކާ ބެހޭ ތަފްސީލެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެ ނޫސްތަކުގައިވެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރޭނަށް އަރައި ހަމަލާތައް ދޭން ފެށުމުން ސްޓާލިންކުން ޔޫކްރޭނަށް ޚިދުމަތް ދިނެވެ. ރޮއިޓާސް ނޫހުގައިވާ ގޮތުން، އޭރު ރަޝިއާއިން ޔޫކްރޭންގެ އިންޓަނެޓް ޚިދުމަތް މެދުކަނޑާލަން މަސައްކަތްކުރި ނަމަވެސް ސްޓާލިންކްގެ ޚިދުމަތް ލިބުންވީ ވަރަށް ބޭނުންތެރި ކަމަކަށް ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ބާލިންގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 3،500އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްފައިވޭ -- ފޮޓޯ/ އީޕީއޭ

އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމުން ވެސް ޣައްޒާއަށްދޭ ހަމަލާތައް ވަރުގަދަކޮށް، އެ ސަރަހައްދުގެ ފޯނާއި އިންޓަނެޓުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. އޭގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ މީހުންނާ މުޅިން ގުޅުން ކެނޑި، އެ ސަރަހައްދުގައި ތިބި މީހުންގެ ހާލަތު ބެލޭނެ އެއްވެސް ގޮތެއް ވަނީ ނެތިފައެވެ.

ޣައްޒާގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ބޮޑު ކުންފުނި ޕަލްޓެލްއިން ބުނެފައިވާ ގޮތުގައި، އިސްރާއީލް ސިފައިން އެއްގަމުން ހަމަލާދޭން ފެށުމުގެ ކުރިން ދިން ވައިގެ ހަމަލާތަކުގައި އެ ކުންފުނީގެ ޚިދުމަތްދޭ ތަންތަން ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.

މީގެ ކުރިން އިސްރާއީލުން ވަނީ ޣައްޒާއަށް ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލައި، ތެލާއި ކާބޯތަކެއްޗާއި ބޭސް ވެއްދުން ހުއްޓުވާފައެވެ. އޭގެ ސަބަބުން، ޣައްޒާގެ އިންޖީނުގެއާއި ހޮސްޕިޓަލްތަކުގެ ޖެނެރޭޓަރުތައް ހިންގަން ވެސް ތެޔޮ ނުލިބި، އަސާސީ ޚިދުމަތްތަކުން ގިނަ ބަޔަކު ވަނީ މަހުރޫމްވެފައެވެ.

އިސްރާއީލުން މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު، ޣައްޒާއިން މިހާތަނަށް 7،700އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި 3،500އަށް ވުރެ ގިނަ ކުޑަކުދިންނާއި 1،863 އަންހެނުންނާއި އުމުރުން ދުވަސްވީ 397 މީހުން ހިމެނެއެވެ.

މީގެ އިތުރުން އެ ހަމަލާތަކުގައި 19،734 މީހަކަށް އަނިޔާވެފައިވާއިރު، އިސްރާއީލުން ދަނީ ހުޅަނގު އައްސޭރީގައި ވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ހުޅަނގު އައްސޭރިން 100އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ގާތްގަނޑަކަށް 1،900 ޒަހަމްކޮށްފައިވެއެވެ.

comment ކޮމެންޓް