ލޯނުގެ ދަށުން ނެވޭސް ގެންދިއުމަށް ނިއުކާސަލުން މަސައްކަތްކުރަނީ

އަލް ހިލާލްގެ ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް -- ފޮޓޯ/ ގެޓީ

ސައުދީ އަރަބިއާގެ އަލް ހިލާލްގެ ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް، ލޯނުގެ ދަށުން ގެންދިއުމަށް އިނގިރޭސި ކްލަބު ނިއުކާސަލް ޔުނައިޓެޑުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނެވޭސް ގެންދިއުމަށް ނިއުކާސަލުން މަސައްކަތްކުރަމުންދަނީ ބެޓިން ގަވާއިދުތަކާ ހިލާފުވުމުން އެ ކްލަބުގެ އިޓަލީ މިޑްފީލްޑަރު ސެންޑްރޯ ޓޮނާލީ ދިހަ މަހަށް ސަސްޕެންޑުކުރުމާ ގުޅިގެންނެވެ. ލޯނުގެ ދަށުން އުމުރުން 26 އަހަރުގެ ނެވޭސް ނިއުކާސަލަށް ގެންދިއުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލް ހިލާލާއި ނިއުކާސަލަކީ ސައުދީ ޕަބްލިކް ފަންޑުން ހިންގާ ދެ ކްލަބެކެވެ. އެހެންކަމުން ނެވޭސް ގެންދިއުމަށް ނިއުކާސަލަށް އުނދަގޫތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނަށްފަހު ނިއުކާސަލާ ގުޅުނު ޓޮނާލީ، ބެޓިން ގަވާއިދުތަކާ ހިލާފުވެފައިވަނީ އޭނާ އޭސީ މިލާނުގައި ހޭދަކުރި ދުވަސްވަރުއެވެ. އެ ކުށަށް ތިން އަހަރު ދުވަހުގެ ސަސްޕެންޝަނަށް އަންނަ ނަމަވެސް، ޓޮނާލީގެ ކުށް ދިހަ މަހުގެ ސަސްޕެންޝަނަކަށް ކުޑަކޮށްފައިވަނީ އިޓަލީ އެފްއޭއަށް އޭނާ އެއްބާރުލުން ދެމުންދާތީއެވެ. ޓޮނާލީ ސަސްޕެންޝަނުގައި ހުރި ނަމަވެސް، އޭނާއަށް އެކުވެރިކަމުގެ މެޗުތައް ކުޅެ، ނިއުކާސަލްގެ ތަމްރީނުތަކުގައި ބައިވެރިވެވޭނެއެވެ.

މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރަމުންދާ ނިއުކާސަލަށް މިޑްފީލްޑަރެއްގެ ބޭނުން ޖެހިފައިވާ އިރު، ނެވޭސްއަކީ މިދިޔަ ސީޒަނަށްފަހު ވުލްވްސް ދޫކޮށް, އަލް ހިލާލާ ގުޅުނު މިޑްފީލްޑަރެކެވެ. ވުލްވްސްގައި ހަ އަހަރު ހޭދަކޮށްފައިވުމުން ނެވޭސްއަށް އިނގިރޭސި ފުޓުބޯޅައިގެ ތަޖުރިބާ ވެސް ހުންނާނެއެވެ.

comment ކޮމެންޓް