އައްޑޫގައި ޔޮޓް މެރިނާއަކާއި ޓޫރިސްޓު ހޮޓަލެއް އަޅަން ހަވާލުކޮށްފި

އައްޑޫގައި ޓޫރިސްޓު ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އައްޑޫސިޓީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލަކާ އެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރަން ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިސީއެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުގައި ސޮއިކޮށްފައިވަނީ އިއްޔެ އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭ ނިންމުމަށް ކަމަށެވެ.

ޖުމުލަ 350 މިލިއަން ޑޮލަރުގެ މި މަޝްރޫއާ އެކު، އައްޑޫގެ އިގްތިސާދަށް ވަރަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ވާގޮތުން ޔޮޓް މެރީނާ އަދި ކްރޫޒް ޓާމިނަލަކާ އެކު 150 ކޮޓަރީގެ ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑު ސަރަހައްދުގައެވެ.

"ވަޒީފާތައް އުފެދުމާއި ތަފާތު އެތަކެއް ވިޔަފާރިތަކެއް އުފެދިގެންދާނެ. ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ ޕްރޮޖެކްތެއް މިއީ،" ނިޒާރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ މަޝްރޫއެއް ފެށުމަށް ބަޔަކާއި ޙަވާލުކޮށްފައިވާއިރު، އައްޑޫ ސިޓީ އަދި ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި، ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް