ފަލަސްތީނަށް އެހީވާން ދިވެހި ތަރީން ނުކުމެއްޖެ

ފަލަސްތީނަށް އެހީވުމަށް "އިންސާނިއްޔަތަށްޓަކައި" ދިވެހި ފިލްމު އިންޑަސްޓްރީ ފެށި އިވެންޓުގެ ތެރެއިން --- ސަން ފޮޓޯ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންތައް އެކީގައި ބޮޑު އިވެންޓެއް މިއަދު ފަށައިފިއެވެ.

"އިންސާނިއްޔަތަށް ޓަކައިި" ނަމުގައި ފަލަސްތީނަށް އެހީތެރިވުމަށްޓަކައި ބޮޑު އިވެންޓު ކިކްއޮފް ކޮށްލާފައިވަނީ މިއަދު ހަވީރު 1600 ގައި އޮލިމްޕަސް ސިނަމާ ކުރިމަތީންނެވެ. މި އިވެންޓު ފަށާފައިވާއިރު ފިލްމު އިންޑަސްޓްރީގައި މިހާރު ވެސް އަދި ކުރީން ވެސް މަސައްކަތް ކޮށްފައިވާ ފަންނާނުން ވަނީ އިވެންޓުންް ބައިވެރިވެފައެވެ.

މި އިވެންޓު ފެށުމުގެ ގޮތުން ތަރީންތައް ވަނީ އޮލިމްޕަސް ކައިރީގައި ބަހައްޓާފައި ފަންޑު ފޮށްޓަށް ފައިސާގެ އެހީ ދީފައެވެ.

މި އިވެންޓު ފެށުމުގެ ހަރަކާތުގައި ވާހަކަ ދައްކަމުން އިވެންޓު އިންތިޒާމު ކުރާ ކޮމިޓީގެ ޗެއާ ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފައިވަނީ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގިނަ ބައެއްގެ ބައިވެރިވުމާ އެކު ދިގުދެމިގެން ދާނެ އިވެންޓެއް ކުރިއަށް ގެންދިޔުމަށް ބޭނުންވި ކަމަށެވެ. އަދި، މި އިވެންޓަކީ އެކި މީހުންގެ ބައިވެރިވުމާ އެކު ބޮޑު އެހީއެއް ހޯދުމުގެ ބޭނުމުގައި ކުރިއަށްދާ އިވެންޓެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ފަލަސްތީނަށް އެހީވުމަށް "އިންސާނިއްޔަތަށްޓަކައި" ދިވެހި ފިލްމު އިންޑަސްޓްރީ ފެށި އިވެންޓުގެ ތެރެއިން --- ސަން ފޮޓޯ

މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް އަދި އެހީ އަކީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ އެއްޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މި އިވެންޓުގައި މިއަދު ފަންޑު ފޮށި ބަހައްޓައި ޓިކެޓު ވިއްކުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ޓިކެޓުތަކަކީ އޮލިމްޕަހުގައި އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ކުރިއަށްދާ ފިލްމު ފެސްޓިވަލަށް ވިއްކާ ޓިކެޓްތަކެކެވެ. މިއިން ޓިކެޓެއްގެ އަގު 100 ރުފިޔާގައި އުޅޭއިރު މި ހުރިހާ ފައިސާއެއް ވެސް ވަންނާނީ ފަންޑަށެވެ.

މި ބޮޑު ހަރަކާތުގެ ތެރެއިން މާދަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޑަކުދީންގެ ހަވީރެކެވެ. މި އިވެންޓު ރޭވުމުގައި އިސްކޮށް މަސައްކަތް ކުރާ އެކްޓަރު މަރިޔަމް އައްޒަ ފާހަގަކޮށްފައިވަނީ ކުޑަކުދިންނަށް ކަމުދާ ހުރިހާ ތަފާތު އެކި ކަހަލަ ކުޅިވަރުތައް މި ކުޑަކުދިންގެ ހަވީރުގައި ހުންނާނެ ކަމަށެވެ.

އަދި، މި ކުޑަކުދިން ހަވީރުގައި އެކި މީހުންގެ ޑޮނޭޝަނާ އެކު ކުރިއަށް ގެންދާ ޖަމްބަލް ސޭލްތައް ވެސް ކުރިއަށް ދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އައްޒަ ފާހަގަކުރި ގޮތުގައި މި އިވެންޓަކީ އެއްވެސް ގޮތެއްގައި ވާދަވެރި ވެގެން ކުރިއަށް ގެންދާ އިވެންޓެއް ނޫނެވެ. އެހެން ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ހޯދައި އެހީއަކީ އެންމެ ރަނގަޅު ސަބަބަކަށް ހޯދާ ފައިސާއަކަށް ވާތީ އެކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށް އައްޒަ ބުންޏެވެ.

މިފަދަ އިވެންޓެއްގައި އެއްބާރުލުން ދޭ ހުރިހާ ފަރާތްތަކާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ބޭނުން ކަމަށާއި އެ މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅާ ކަމަށް ވެސް އައްޒަ ފާހަގަކުރިއެވެ.

އިންސާނިއްޔަތަށްޓަކައި އިވެންޓުގައި ފަންނުންނަތައް މާލެ ސަރަހައްދުން އެކި ކަހަލަ މަސައްކަތް ހޯދައިގެން ފަންޑަށް ފައިސާ ހޯދުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އިވެންޓުގެ ތެރޭގައި ހާއްސަ މަސް ރޭސް މުބާރާތެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސް ރޭސް އިވެންޓުން ކުރިއަށް ދާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ.

comment ކޮމެންޓް