ރާއްޖޭން 1.29 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފަލަސްތީނަށް ހަދިޔާ ކުރަނީ

ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު: ރާއްޖޭން 1.29 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފަލަސްތީނަށް ހަދިޔާ ކުރަން ވަނީ ނިންމާފަ ----- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން 1.29 މިިލިއަނަށް ވުރެ ބޮޑު އަދަދެއްގެ އެމެރިކާ ޑޮލަރުގެ އެހީ ފަލަސްތީނު ރައްޔިތުނަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އދ.ގެ މައި މަރުކަޒުގައި މިއަދު ކުރިއަށްދިޔަ 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ވިދާޅުވި ގޮތުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް 1.29 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އެހީއެއް އަންރުވާ މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަންދޫބުގެ ވާހަކަފުޅުގައި ރާއްޖޭން އަންރުވާއަށް ކޮންމެ އަހަރަކު ދެމުންދާ 5000 އެމެރިކާ ޑޮލަރުގެ އެހީ 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަން ހާމަކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިންނެންގެވުމުގެ ދަށުން ގައުމީ ފެންވަރުގައި ބޭއްވި 'ފަލަސްތީނާއެކު ދިވެހީން' ޓެލެތޯނުން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އާއި 49،800 އެމެރިކާ ޑޮލަރު ވެސް އަންރުވާ މެދުވެރިކޮށް ފަލަސްތީނަށް ފޮނުވާނެ ކަން އަލީ ނަސީރު ވަނީ ހާމަކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުއްލި ނުރައްކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތާއި އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި، މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދާއިމީ މަންދޫބު ގޮވާލެއްވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޣައްޒާގެ އާންމުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 38،345 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް