މަޖުބޫރާ، އަނިޔާއާއި ހިތާމައަށްފަހު ދަރިންގެ ހައްގުގައި ކޮޅަށް، ހާލަތު ބަދަލުކުރަން އެހީ ހޯދަނީ

ސީމާ ދަރިންނާއެކު ދިރިއުޅޭ ގޭގެ ހާލަތު -- ފޮޓޯ/ މަމްސް އެއިޑް

މުސްކުޅި ގޭގައި އޭނާ ދިރިއުޅެނީ ބޮޑުވަމުން އަންނަ ދެ ޖިންސުގެ ދެ ކުދިންނާ އެކުގައެވެ. ރަނގަޅަށް ސީލިންގު ކުރެވިފައި ނެތުމުން ވާރޭ ވެހޭނަމަ ދަރިންނާއެކު ތިބެން ޖެހެނީ ނުނިދައެވެ. ފެނުގެ އަސަރުކޮށް ގޭގައި ހުރި ހުރިހާ ފަރުނީޗަރެއް ވަނީ ހަލާކުވެފައެވެ. ގޭގައި ގެންގުޅޭ ތެލިތަށި އަދި އަންނައުނު ލާނެ ތަނެއް ނެތުމުން އެތަކެތި ވެސް ހުންނަނީ ހާމައަށް ބަހައްޓާފައެވެ. ފާހާނާ ކުރަންޖެހެނީ މަތި ހިޔާނުކޮށް ހުންނަ ގިފިއްޔެއްގައެވެ.

މިއީ އެތައް އަނިޔާއަކާއި ވޭނެއް ތަހަންމަލް ކުރުމަށް ފަހު ސީމާ (އަސްލު ނަމެއް ނޫން)ގެ މިހާރުގެ ހާލަތު ހުރި ގޮތެވެ. މަމްސް އެއިޑުން ސީމާގެ ވާހަކަ ހިއްސާކުރީ އޭނާގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށް އެހީ ހޯދުމަށެވެ.

https://www.facebook.com/MomsAidmv/posts/pfbid08TXpxRFYfCWh462nVMfQypxzS12oqk6d8s2XD71gVh6zcuPH9wrV9vSvFa1HpfWel

އުމުރުން އެންމެ ތިން އަހަރުގައި ބައްޕަ ނިޔާވުމާ ގުޅިގެން ސީމާ ބޮޑުވީ ވަަރަށް ދަތި ޙާލުގައެވެ. ދިރިއުޅުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހި، ކޮންމެހެން ލިބެންޖެހޭ އަސާސީ އެތައް ހިދުމަތްތަކަކުން ސީމާ ހުރީ މަހްރޫމްވެފައެވެ.

އެހެންކަމުން ސީމާއަށްގެ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ދެވަނަ ކައިވެންޏެއް ކުރަން އޭނާގެ މަންމައަށް މަޖުބޫރުވީއެެވެ. އެކައިވެންޏަށް ސީމާގެ މަންމައަށް ހަތް ކުދިން ލިބި ދިރިއުޅުނީ އުފަލުގައެވެ. ނަމަވެސް، ސީމާއަށާއި އޭނާގެ އާއިލާއަށް ހީވެސް ނުކުރާފަދަ ބޮޑު ބަދަލެއް އައީ ދޮންބައްޕަގެ ކުއްލި މަރާ ގުޅިގެންނެވެ.

އެކަނިމާއެކަނި އަށް ކުދިން ގޮވައިގެންއުޅުން ސީމާގެ މަންމައަށްވީ ބޮޑު ގޮންޖެހުމަކަށެވެ. އެހެންކަމުން، ރަށު ސުކޫލުން ގުރޭޑް ހަތަކާ ހަމައަށް ތަޢުލީމް ހާސިލްކުރުމަށްފަހު، އުމުރުން 18 އަހަރު ނުވަނީސް ކައިވެންޏެއް ކުރަން ސީމާއަށް މަޖުބޫރުވީ އާއިލާގެ މުސްތަގުބަލަށް ވިސްނާފައެވެ.

ކައިވެންޏަށް ފަހު ފިރިމީހާގެ ރަށަށް ދިރިއުޅުން ބަދަލުކުރީ ރީތި ދިރިއުޅުމެއް ފިރިމީހާއާއި އެކު އުޅެ، ވީވަރަކުން މަންމައާއި ކޮއްކޮމެންނަށް އެހީވެދިނުމުގެ އުއްމީދުގައެވެ.

ނަމަވެސް ކަންތައްވީ ސީމާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ފިރިމީހާ މަސްތުގެ ވަބާގައި ޖެހިފައި ވާކަން އެނގުނީ ކައިވެންޏަށް ހަމަސްވީ ފަހުންނެވެ. އެހިސާބުން ސީމާގެ މުޅި ދިރިއުޅުން ބަދަލުވީ އަނިޔާވެރިކަމުން ފުރިގެންވާ ދިރިއުޅުމަކަށެވެ.

ކިތަންމެ ކުޑަކަމެއް ވިޔަސް ރުޅިއައިސް، ހަޑިހުތުރު ބަހުން އެއްޗިހި ކިޔުމާއި، އޭނާގެ ގަޔަށް ފިރިމީހާ އަތް އިސްކުރުން އާންމުވާންފެށިއެވެ.

ފިރިމީހާގެ ހަރުކަށި މި މިޒާޖުގެ ސަބަބުން ސީމާގެ ނަފްސާނީ ހާލަތު ގޯސްވެ މީހާއެއްކޮށް ބަލިވާންފެށިއެވެ. މިކަން އޭނާގެ ކޮއްކޮމެންނަށް އެނގި، އެ އަނިޔާވެރި ދިރިއުޅުމުން އޭނާ ސަލާމަތްކޮށް އަނބުރާ ރަށަށް ގެންދިޔައެވެ.

އޭރު ސީމާ ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށި ވެފައެވެ. އެހެންކަމުން ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދައްކައި ފަރުވާކޮށް، އަމިއްލައަށް މީހުންގެ ތެރެއަށް ނުކުމެ އުޅެވޭ ވަރަށް ރަނގަޅުވުމުން ސީމާ ދެވަނަ ކައިވެންޏެއް ކުރީ، މުސްކުޅި މަންމައާއި އެއްބަނޑު ކުދިންނަށް އިތުރަށް އުނދަގޫ ތަކެއް ވާން ބޭނުންނުވާތީއެވެ. އަނެއްކާ ވެސް ކައިވެންޏަކަށް މަޖުބޫރު ކުރުވީ އޭނާގެ ހާލަތެވެ.

ފިރިމީހާ މަސައްކަތް ކުރީ ރަށުން ބޭރުގައި ކަމުން ސީމާއާ އެކުގައި ވަގުތު ހޭދަ ކުރަން ލިބެނީ މަދު ދުވަސްތަކެވެ. ނަމަވެސް އެ ދުވަސްތައް އޭނާ ސިފަކުރީ، އޭރު ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކުގެ ގޮތުގައެވެ.

މި އުފާވެރިކަމުގައި ދުވަސްތައް ހޭދަވަމުން ގޮސް، ސީމާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނެވެ. ދަރިފިޅުގެ މުސްތަގުބަލަށްޓަކައި އެތަށް ފޮނި އުންމީދު ތަކެއްކޮށް، ދެކެމުން އައި ހުވަފެންތައް ފުނޑުފުނޑުވީ، ފިރިމީހާ އަނެއްކާ ވެސް އަތް އިސްކޮށް އަނިޔާކުރަންފެށި ހިސާބުންނެވެ.

އަނެއްކާ ވެސް ސީމާގެ ހަޔާތުގެ އުފާވެރި ދުވަސްތައް ވަޅުލެވި، ގުނަންޖެހުނީ ކަޅު އަނދިރި ދުވަސްތަކެކެވެ.

ފިރިމީހާ ގެއަށް އަންނަން ފެށީ މަސްތުގެ ހާލަތުގައެވެ. ކައިވެންޏަށް ދެކުދިން ލިބުނު އިރުވެސް ފިރިމީހާގެ ވިޔާނުދާ އަމަލުތަކަށް ބަދަލެއް ނާދެއެވެ. ސީމާގެ އާދޭސްތަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. ލިބޭ ހުރިހާ ފައިސާއެއް ޚަރަދުކުރަމުން ދިޔައީ މަސްތުވާތަކެއްޗަށެވެ.

"ރީތިވާ އެއްޗިހި ހުސްވެގެން ފާހާނާކޮށްފައި އެބަ ތިބެންޖެހޭ ގައިން ތާހިރުވާން ސައިބޯނި ކޮޅެއް ވެސް ނެތިފަ. ގަނެދޭން ބުންޏަސް ނުގަނެދޭނެ. ރީތިވަނީ އެހެން ފިރިހެނުން ކައިރިޔަށް ދާންށޭ ބުނެ ރުޅިއައިސް ހަޅޭއްލަވާނެ. މިކަމާ ހުރެ އަޅުގަނޑުވެސް، ކުދިންވެސް ހަމައެކަނި ގަޔަށް ފެންއަޅައިގެން އެތައް ދުވަހަކު އުޅުނިން" އެ ހިތާމަވެރި ދުވަސްތައް ބީރައްޓެހި ރަށެއްގައި ހޭދަކުރިގޮތް ހަނދާން ކޮށް ސީމާ ކިޔައިދިނެވެ.

ސީމާ ބުނީ ކުޑަދަރުފުޅުގެ ކިރު ދަޅު ހުސްވެގެން ރުއި ދުވަސްތައް ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

އޭނާގެ ހަޔާތުގައި އަނެއްކާ ވެސް ކުރިމަތިވީ އެހެން އިމްތިހާނަކާއެވެ. މަސްތުވެގެން ފިރިމީހާ އޯވަޑޯޒްވެ ޕެރެލައިޒްވިއެވެ. ފިރިމީހާ ސަލާމާތްކުރަން ކުރެވުނު ހުރިހާ ކަމެއް ސީމާ ކުރިއެވެ. އޭނާ ގޮވައިގެން ބޭރަށް ވެސް ފަރުވާކުރަން ދިޔައެވެ. ނަމަވެސް އެ ހާލުގައި އޮވެވެސް ފިރިމީހާ ސީމާއަށް ކުރީ އަނިޔާ އެވެ.

"ފެންވަރުވަން ފާހާނާގައި އުޅެނިކޮށް އަވަސް ކުރާށޭ ބުނެ އެކަމާ ހިތްހަމަ ނުޖެހިގެން، އޭނާ ރަނގަޅަށް އިން އަތުން އަހަރެންގެ ކަނދުރާގައި ޖަހާ ވައްޓާލީ ތަޅުންގަނޑު މައްޗަށް. އަދި ރަނގަޅަށް އިން ފައިން ވެސް އަހަރެންގެ މުޅިގައިގައި ތަޅާ ތެދުވިޔަ ނުދީ އަނިޔާކުރި"

ނުވިތާކަށް ދަރިންނަށް ހިމާޔަތްދޭންޖެހޭ ދެއަތުން އެކުންދިންނަށް ވެސް އަނިޔާކުރަން ފެށީއެވެ. އެއްދުވަހަކު ސީމާދެކެ ހިތްހަމަ ނުޖެހުމުން މަގުމަތީގައި ދަމާ އަނިޔާކޮށް، ލައިގެން ހުރި އަންނައުނު އިރައިގެން ދަންދެން ވެސް ފިރިމީހާ ސީމާއަށް އަނިޔާކުރިއެވެ

ސީމާ ބުނީ ދެދަރީންގެ ހައްގުގައި، ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް ވަރަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ފިރިމާހާގެ އަނިޔާތަކަށް ކެތްނުވެގެން އާއިލާ މީހުންގެ އެހީގައި ސީމާ އެނބުރި އުފަން ރަށަށް ދިޔައީ ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ހެޔޮ ކަމަށެވެ.

ސީމާ އޭނާގެ ދިރިއުޅުމުގެ ހާލަތު ކިޔައިދިނީ ފެންކަޅިވެފައި އިނދެއެވެ. އޭނާ މިހާރު ރަށުގައި ދިރިއުޅެނީ ދޮންބައްޕަގެ ގެއިން ކޮއްކޮމެންނަށް ލިބިފައިވާ ބައިގައެވެ.

ނަމަވެސް އެގޭގައި ދެ ކުދިން ގޮވައިގެން އޭނާ އުޅެނީ ވަރަށް ހާލުގައެވެ. ވާރޭ ހިޔާ ނުވާއިރު އެގޭގެ ފާރުތަކުގައި ވަނީ ރެނދުލާފައެވެ. ވާރޭވެހި ކޮޓަރިއަށް ފެންއެޅުމުގެ ސަބަބުން ތަނުގެ ވަސްނުބައިވެ، ބިޗޫފަދަ އެކި ކަހަލަ ސޫފީގެ އުނދަގޫވެސް ޖެހެއެވެ.

މި ހާލުގައި ސީމާ އުޅޭތާ މިހާރު އެތައް އަހަރެއްވެއްޖެއެވެ. މަމްސް އެއިޑުން ސީމާގެ ހާލަތު ބަލާ، އެ ހާލަތު ބަދަލުކޮށްދިނުމަށް ވަނީ އެހީ ހޯދަން ފަށާފައެވެ.

މަމްސް އެއިޑް އެކައުންޓް:

  • ދިވެހި ފައިސާ: 7730000562469
  • ޑޮލަރު: 7730000562470
ގުޅޭ ޓެގު
comment ކޮމެންޓް