މިދިޔަ މަހު ޒަކާތު ހައުސްއިން ބޭހަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ

އައިޖީއެމްއެޗު: މިދިޔަ މަހު ޒަކާތު ފަންޑުން ސިއްހީ ކަންކަމަށް މިލިއަނަކަށްވުރެ ގިނައިން ޚަރަދުކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އެހީގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފާވައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ ޒަކާތު ހައުސްއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާގެ އެހީއަށް ވަނީ 1،044،989.10 ރުފިޔާ ޚަރަދުކޮށްފައެވެ.

ނަމަވެސް، މިދިޔަ މަހަށް އެހީއަށް ކަނޑައަޅާފައި އޮތީ 870،957.53 ރުފިޔާއެވެ.

ނިމިދިޔަ ޖޫން މަހު ބޭސްފަރުވާއަށް އެ އިދާރާއިން 107 މީހުންނަށް އެހީ ދީފައިވާއިރު، އެންމެ ގިނައިން އެހީއަށް ޚަރަދުކޮށްފައި ހުރީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެ ބައްޔަށް އެކަނި ވެސް 262،911 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ފަރުވާ ދިނުން: މިދިޔަ މަހު ޒަކާތު ހައުސްއިން ކެންސަރު ފަރުވާއަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި --- ފޮޓޯ/ ޕީއެސްއެމް

މީގެ އިތުރުން، ސިކުނޑީގެ އޮޕަރޭޝަންތަކަށް މިދިޔަ މަހު 124،580.53 ރުފިޔާ ޚަރަދުކުރިއިރު، ކިޑްނީ ބަލިތަކަށް ވަނީ 97،531.50 ރުފިޔާ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިތުގެ އޮޕަރޭޝަންތަކަށް 38،164 ރުފިޔާ ހޭދަކުރި ކަމަށާއި ޓްރާންސްޕްލާންޓަށް އެކަނި ވެސް 25،433 ރުފިޔާ ޚަރަދުކުރިއެވެ. އަދި، އެހެނިހެން ބަލިތަކަށް މިދިޔަ މަހު ވަނީ ޖުމްލަ 322،327.50 ރުފިޔާ ހޭދަކޮށްފައެވެ.

މިދިޔަ މަހު އެހެނިހެން ޚަރަދުތަކަށް ޒަކާތު ހައުސްއިން އިދާރީ މުވައްޒަފުންގެ އުޖޫރަ ދިނުމަށް 273،026.48 ރުފިޔާ ޚަރަދުކުރިކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް