އެންވީޑިއާގެ ވެރިޔާ ޖެންސަން ހުއާން އަލުން މަޤާމާ ހަވާލުވުމުން އިސްރާއީލުން އުފާފާޅުކުރަނީ ކީއްވެ؟

އެންވީޑިއާގެ ސީއީއޯ އަދި ރައީސް ޖެންސަން ހުއާން --

އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކަކާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު، ދުނިޔޭގެ އެންމެ އަގުހުރި ޗިޕް އުފައްދާ ކުންފުނި ކަމަށްވާ އެންވީޑިއާގެ ސީއީއޯ އަދި ރައީސްގެ މަޤާމާ ޖެންސަން ހުއާން އަލުން ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް އެކަމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ޗައިނާގެ ޖާސޫސީ އޭޖެންޓެއް ކަމަށް ޝައްކުކުރެވޭ މީހަކާއެކު ބޭއްވި ނަހަމަ ގުޅުންތަކެއްގެ ސަބަބުން ހުއާން މަޤާމުން ވަކިވެވަޑައިގަތީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް ދޮޅު ހަފްތާއެއްހާ ދުވަސް ފަހުން މިދިޔަ ހޯމަ ދުވަހު އޭނާ އަލުން މަޤާމަށް އައްޔަން ކުރުމާއެކު އެންވީޑިއާގެ ހިއްސާގެ އަގު ވަނީ 30 އިންސައްތަ އުފުލި، ބާޒާރުގައި އުފެދިފައި އޮތް ނުތަނަވަސްކަމަށް ލުޔެއް ލިބިފައެވެ.

އެންވީޑިއާގެ ބާނީ ޖެންސަން ހުއާން މީގެ ކުރިން އިސްރާއީލު ސިފަކުރައްވާފައިވަނީ އެ ކުންފުނީގެ "ދެވަނަ ވަޒަން" ގެ ގޮތުގައެވެ. ހުއާން އަލުން މަޤާމާ ހަވާލުވުމާ ގުޅިގެން ނަތަންޔާހޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންވީޑިއާ އާއި އިސްރާއީލުގެ ޓެކްނޮލޮޖީ ދާއިރާއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ދެފަރާތަށްވެސް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށާއި، ކުންފުނީގެ ލީޑަޝިޕް ދެމިއޮތުމަކީ އިސްރާއީލުގެ އިޤްތިޞާދަށާއި ދުނިޔޭގެ އޭއައި ސިނާއަތަށް ލިބުނު އުފާވެރި ޚަބަރެއް ކަމަށެވެ.

އިސްރާއީލަކީ އެންވީޑިއާގެ ދެވަނަ ވަޒަންގެ ގޮތުގައި ޖެންސެން ވަނީ ސިފަކޮށްފައި ---

އެމެރިކާއިން ބޭރުގައި އެންވީޑިއާގެ އެންމެ ބޮޑު ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮޕަރޭޝަންތައް ހިންގަނީ އިސްރާއީލުގައެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ތިބި އެންވީޑިއާގެ މުވައްޒަފުންގެ އަދަދު ދެގުނަވެ 6،000 އަށް އަރާފައިވާއިރު، ހައިފާ ކައިރީގައި 10،000 މުވައްޒަފުންނަށް ޖާގަ ލިބޭ ބޮޑު ކެމްޕަހެއް ބިނާކުރުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

އިސްރާއީލުގެ މަރުކަޒީ ބޭންކުން އަންދާޒާކުރާ ގޮތުގައި 2026 ވަނަ އަހަރު އިސްރާއީލުގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ބެލެވޭ 5.6 އިންސައްތައިގެ ތެރެއިން 2.2 އިންސައްތައަކީ ސީދާ އެންވީޑިއާގެ މަސައްކަތްތަކުން ލިބޭ ކުރިއެރުމެވެ. އަދި މި އަހަރު އިސްރާއީލުގެ ދައުލަތަށް ލިބޭ ޖުމްލަ ޓެކްސް އާމްދަނީގެ ގާތްގަނޑަކަށް 3 އިންސައްތަ، ނުވަތަ 1.29 ބިލިއަން ޑޮލަރު ހިއްސާކުރަނީ އެންވީޑިއާއިންނެވެ.

އެންވީޑިއާ އާއި އިސްރާއީލާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވީ 2020 ވަނަ އަހަރު އިސްރާއީލުގެ ނެޓްވޯކިންގ ކުންފުންޏެއް ކަމަށްވާ މެލަނޮކްސް ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރަށް އެންވީޑިއާއިން ގަތުމާ ގުޅިގެންނެވެ. އެންވީޑިއާގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ އާމްދަނީގެ 18 އިންސައްތަ، ނުވަތަ 21 ބިލިއަން ޑޮލަރު ލިބިފައިވަނީ މެލަނޮކްސްގެ މައްޗަށް ބިނާވެފައިވާ ނެޓްވޯކިން ވިޔަފާރިން ކަމަށްވާއިރު، އެ ކުންފުނީގެ އެންމެ މުހިންމު ޗިޕްތަކުގެ ތެރެއިން ގިނަ ޗިޕްތައް އުފައްދާފައިވަނީ އިސްރާއީލުގައެވެ.

މީގެ އިތުރުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގައިވެސް އެންވީޑިއާގެ އުފެއްދުންތައް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދާ ކަމަށް އެމެރިކަން ފްރެންޑްސް ސާވިސް ކޮމިޓީގެ ރިޕޯޓަކުން ވަނީ ހާމަވެފައެވެ. އެގޮތުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އިސްރާއީލު އަސްކަރިއްޔާއިން ބޭނުންކުރާ އޭއައި ނިޒާމުތަކާއި، އެލްބިޓް ސިސްޓަމްސްގެ ލޭނިއަސް ޑްރޯންތަކުގައި އެންވީޑިއާގެ ޖެޓްސަން ޓީއެކްސް2 ޕްރޮސެސަރު ބޭނުންކުރާތީ، ހަނގުރާމައިގެ ޖަރީމާތަކުގައި އެންވީޑިއާގެ ބައިވެރިވުން އޮވެދާނެ ކަމުގެ ކަންބޮޑުވުން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް