'ފަރުޒީ' ބެލުމަށް ފަހު ފޭކް ޓިކެޓުތަކެއް ވިއްކަން އުޅެފި

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ފަރުޒީ" ބެލުމަށް ފަހު ނަހަމަ ގޮތުގައި ފައިސާގެ މުޢާމަލާތެއް ކުރަން އުޅުނު މީހަކު އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމޭޒަން ޕްރައިމްއިން ސްޓްރީމް ކުރަން ފެށި ވެބް ސީރީސް "ފަރުޒީ"ގައި ޝާހިދު ކުޅެފައި ވަނީ ވަރަށް މޮޅަށް ކުރަހާ ޑިޒައިން ކުރާ މީހެއްގެ ރޯލެވެ. އަދި ފަހުން އިންޑިއާގެ ފައިސާގެ ވަގު ނޫޓު ތަކެއް ކުރެހުމަށް ފަހު ޗާޕުކޮށް އޭގެ ވިޔަފާރި ފުޅާ ގޮތެއްގައި ކުރާ މީހަކަށް މި ސީރީސްގައި ޝާހިދު ކަޕޫރު ބަދަލުވެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީވެސް މުމްބާއިއަށް ނިސްބަތްވާ ގްރެފިކް ޑިޒައިނަރެކެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިންޑިއާގެ ސަޤާފީ ނެށުމެއް ކަމަށްވާ ގަރުބާ ޙަރަކާތުގެ ފޭކް ފާސް ތަކެއް ޕްރިންޓް ކުރުމަށް ފަހު އާއްމުންނަށް ވިއްކަމުން ދަނިކޮށެވެ. ކަރަން ޝާހު ނަމަކަށް ކިޔާ މި މީހާ ވަނީ ފޭކު ގަރުބާ ފާސް ތަކުގެ އެއް ހާސް ފާސް ޗާޕުކޮށް 30 ލައްކަ ރުޕީސް ހޯދުމަށް ރާވާފައެވެ.

އިންޑިއާގެ ގުޖްރާތު ހިސާބު މީހުންގެ ތެރޭ މަޝްހޫރު ފޯކް ޑާންސް، ގަރުބާ ނެށުން ހިމެނޭ ހަފްލާ ތަކުގެ ޓިކެޓެއްގެ އަގު އާއްމުކޮށް އުޅެނީ ތިންހާސް ރުޕީސް އާއި ތިންހާސް އަށްސަތޭކަ ރުޕީސް އާ ދެމެދުގެ އަދަދެއްގައެވެ. ނަމަވެސް ފޭކު ފާސް ތަކެއް ވިއްކަން އުޅުނު މީހާގެ އަމާޒަކަށްވީ ދެހާސް ހަސަތޭކަ ރުޕީސްއަށް ގަރުބާގެ ޓިކެޓުތައް ވިއްކާލުން ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

ފުލުހުން ހިންގި ތަހުގީގުގައި މި މީހާ ބުނެފައި ވަނީ، ފޭކް ގަރުބާ ފާސްތައް ނުވަތަ ޓިކެޓުތައް އުފެއްދުމަށް ފަހު އެއިން އާމްދަނީ ހޯދުމުގެ ޚިޔާލު ލިބުނީ ޝާހިދު ކަޕޫރުގެ ސީރީސް "ފަރުޒީ" ބެލުމަށް ފަހު ކަމަށެވެ.

މީގެ ކުރިން ވެސް ޝާހިދު ކަޕޫރު ކުޅުނު ފިލްމު "ކަބީރު ސިންގް" ބެލުމަށް ފަހު ވެސް އޭގައި ޝާހިދު ކުޅުނު ރޯލާ އެއްގޮތަށް އިންޑިއާގެ ވަރަށް ގިނަ ޒުވާނުންގެ ޢަމަލު ބެހެއްޓުމުން ޝާހިދު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އަދި ފިލްމު ތަކުން ހިތްވަރު ލިބިގަންނަންވީ މުޖްތަމަޢަށް ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި ޤާނޫނާ ޤަވައިދާ ޚިލާފަށް ހިންގާ ޢަމަލުތައް ހުއްޓުވަން ފިލްމީ ތަރިން ސިނަމާ ތަކުގައި ގެނެސްދޭ ހާދިސާތަކުގެ އަލީގައި ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

comment ކޮމެންޓް