ޣައްޒާއާ ބެހޭ ގޮތުން ރިޕޯޓުކުރަން ހުއްޓާ، އަލްޖަޒީރާގެ ނޫސްވެރިއަކަށް ލިބުނީ އާއިލާ ޝަހީދުކޮށްލި ޚަބަރު

ޣައްޒާގައި ހުންނަ، އަލްޖަޒީރާގެ ބިއުރޯގައި އިސްކޮށް ހުންނަވާ ވާއިލް އަލް ދަހްދޫހް --

ޣައްޒާގައި ހުންނަ، އަލްޖަޒީރާގެ ބިއުރޯގައި އިސްކޮށް ހުންނަވާ ވާއިލް އަލް ދަހްދޫހްގެ އާއިލާ، އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޝަހީދުކޮށްލާފައި ވަނީ އަލް ދަހްދޫހްގެ އަންހެނުންނާއި ދެ ދަރިންނެވެ.

މީގެ ކުރިން ޣައްޒާގެ އުތުރުގައި ތިބި އެ އާއިލާގެ މެންބަރުން، އިސްރާއީލުން މިމަހުގެ 12ގައި ދިން އިންޒާރާ ގުޅިގެން ޣައްޒާގެ ދެކުނަށް ދިޔައެވެ. އެމީހުން ތިބީ އިސްރާއީލުން ހަމަލާ ނުދޭނެ ކަމަށް ބުނެފައިވާ ނުސެއިރަތު ރެފިއުޖީ ކޭމްޕުގައެވެ.

ނަމަވެސް އިސްރާއީލުން ވަނީ އެ ސަރަހައްދުތަކަށް ވެސް ބޮން އަޅާފައެވެ. އެގޮތުން މިއަދު އެ ކޭމްޕަށް ދިން ހަމަލާތަކުގެ ސަބަބުން ގެޔެއް ވެއްޓި، އަލް ދަހްދޫހްގެ އާއިލާގެ އިތުރުން އެހެން ބަޔަކަށް ވެސް ގެއްލުން ލިބުނު ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރިއެވެ. އެގޮތުން އިމާރާތުގެ ދަށުގައިި މީހުން ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ނޫހުގައިވެއެވެ.

އެ ހަމަލާއިން އަލް ދަހްދޫހް އާއިލާގެ ބައެއް މީހުން ސަލާމަތްވި ކަމަށާއި އޭގެ ތެރޭގައި އޭނާއަށް ކާފަ ކިޔާ ކުޑަކުއްޖަކު ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އަލް ދަހްދޫހް، އޭނާގެ އަންހެނުންނާއި ދަރިންގެ މޫނު ބެލުމަށް ހޮސްޕިޓަލަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އަލްޖަޒީރާގެ މެނޭޖިން އެޑިޓަރު މުހައްމަދު މުއާވަދު ވަނީ އެކްސްގައި ހިއްސާކުރައްވާފައެވެ. އަލް ދަހްދޫހަށް އޭނާގެ އާއިލާގެ މަރުގެ ޚަބަރު ލިބުނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން ރިޕޯޓުކުރުމަށް އަލްޖަޒިރާ ޓީވީގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށް މުއާވަދު ވިދާޅުވިއެވެ.

އެ ނޫހާ ވާހަކަދައްކަވަމުން އަލް ދަހްދޫހް ވިދާޅުވީ، އިސްރާއީލުން ދަނީ ކުޑަކުދިންނާއި އަންހެނުންނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ތަކުރާރުކޮށް ހަމަލާތައް ދެމުން ކަމަށެވެ.

"ދެންމެ އަޅުގަނޑު ހުރީ ޔަރުމުކްއަށް ދިން އެފަދަ ހަމަލާއަކާ ބެހޭ ގޮތުން ރިޕޯޓުކުރަން، ނުސައިރަތު [ރެފިއުޖީ ކޭމްޕް] ހިމެނޭ ގޮތަށް އިސްރާއީލުން ވަނީ ވަރަށް ގިނަ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކޮށްފަ،" އަލް ދަހްދޫހް ވިދާޅުވިއެވެ.

މީގެ އިތުރުން، ޣައްޒާގެ އުތުރުގައި ތިބި މީހުން ދެކުނަށް ދާން އިސްރާއީލުން އެންގި ނަމަވެސް އެމީހުންނަށް އެއްވެސް އަދަބެއް ނުލިބި ދިޔުމުގެ ފުރުސަތު އޮތް ކަމަށް ކުރިން ވެސް ގަބޫލު ނުކުރެވޭ ކަމަށް އަލް ދަހްދޫހް ވިދާޅުވިއެވެ.

"އެއީ އެކަން ވީގޮތަކީ ވެސް. މިއީ އިސްތިއުމާރީ އަސްކަރިއްޔާއިން 'ރައްކާތެރި' ކަމަށް ބުނި ސަރަހައްދު،" އަލް ދަހްދޫހް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ދެކުނަށް ދިޔުމަށް އެންގީ، އުތުރުގައި ތިބި ހަމާސްގެ ހަނގުރާމަވެރިން އެއްކޮށް ނައްތާލާނެ ކަމަށް ބުނެއެވެ. އަދި އުތުރުގައި ދެމި ތިބޭ މީހުންނަކީ ހަމާސްއަށް ވާގިވެރިވާ މީހުން ކަމަށް ބަލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހުގައެވެ.

ސައުވީސް ގަޑިއިރުގެ މުހުލަތަކާއެކު ދިން އެ އިންޒާރާއެކު، ޣައްޒާގެ އުތުރުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާއި އެ ނޫން ވެސް ދަތުރުކުރަން އުނދަގޫ އެތައް ބަޔެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނެވެ.

ޣައްޒާގެ ދެކުނަށްދާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް އިސްރާއީލުން ބުނި ނަމަވެސް އަސްކަރިއްޔާގެ ހަމަލާތައް ދަތުރުމަތީގައި ތިބި މީހުންނަށާއި ދެކުނުގައި ދިރިއުޅޭ މީހުންނަށް ވެސް ދަނީ އަމާޒުކުރަމުންނެވެ.

comment ކޮމެންޓް