އެޓޯލްސް އެފްސީއަށް ބްރެޒިލް ފޯވަޑެއް

އެޓޯލްސް އެފްސީއާ ގުޅުނު ބްރެޒިލް ފޯވަޑް ޓިޓޯ --

އަލަށް ފުޓުބޯޅައަށް ތައާރަފުވާ އެޓޯލްސް ފުޓުބޯޅަ ކްލަބަށް ބްރެޒިލް ފޯވަޑެއް ގެނެސްފިއެވެ.

އެޓޯލްސް އެފްސީއަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެ ކްލަބުގެ ކޯޗަކަށް އަލީ ވަހީދު (ބަލަކް) ހަމަޖެއްސުމަށްފަހުއެވެ.

އެޓޯލްސް އެފްސީއަށް ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ހޯދާފައިވަނީ ބްރެޒިލް ފޯވަޑް ޓިޓޯއެވެ. އޭނާއަކީ ކޮޕާ ޑޮ ބްރެޒިލްގައި ވަރުގަދަ ކޮރިންތިއަންސް ކޮޅަށް ގޯލު ޖެހި ކުޅުންތެރިއެކެވެ. މިހާރު އެޓޯލްސް އެފްސީން ވަނީ އޭނާ ގެންނަކަން އިއުލާން ވެސް ކޮށްފައެވެ.

ޓިޓޯގެ އިތުރުން އެޓޯލްސް އެފްސީން ވަނީ ބީޖީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކެޕްޓަން ހަމްދޫން އިސްމާއީލް (ހަމްބެ) އަދި ކުރިން ކްލަބު ޓީނޭޖަށް ކުޅުނު އަލީ އަހުމަދު (އައްޔަ)ގެ ސޮއި ވެސް ހޯދައިފައެވެ.

އެޓޯލްސް އެފްސީގެ ކޯޗަކަށް ހަމަޖައްސާފައިވާ އަލީ ވަހީދު ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނެއްގެ ގޮތުގައި މަސައްކަތްކޮށް، އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ފަހުން އޭނާ ފުޓުބޯޅައިގައި މަސައްކަތްކޮށްފައިވަނީ ކޯޗެއްގެ ގޮތުގައެވެ.

އަލީ ވަހީދުގެ ކޯޗިން ކެރިއަރު އޭނާ ފަށާފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނުންނެވެ. އެގޮތުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕް ކަމާއި ރައޫލް ޑެބުންސެން ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

އޭގެ އިތުރުން މިދިޔަ މެއި މަހުގެ ތެރޭގައި އަލީ ވަހީދު ވަނީ ސްޕޯޓިން ލަންޑަނަށް އިނގިރޭސިވިލާތުގެ ދުވަސްވީ އަދި ތާރީހީ މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް"ގެ ޗެމްޕިއަންކަން ވެސް ހޯދައިދީފައެވެ. އެ ކާމިޔާބާއެކު ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކުން ހޮވާ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް އަލީ ވަހީދަށް ވަނީ ލިބިގެން ގޮސްފައެވެ. މިއީ ދިވެހި ކޯޗަކު ބޭރު ގައުމެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.

އެޓޯލްސް އެފްސީގައި ކޯޗު އަލީ ވަހީދުގެ އެސިސްޓަންޓަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ނިއު ރޭޑިއަންޓާއެކު ކާމިޔާބީތަކެއް ހޯދާފައިވާ އަހުމަދު ނިޔާޒް (ނިޔާ) އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ވެސް މެޗުތަކެއް ކުޅެފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ތައާރަފުކުރި އެޓޯލްސް އެފްސީގެ އަމާޒަކީ އެއް އަހަރު ތެރޭގައި ބައިނަލްއަގުވާމީ ކްލަބު ނެޓްވޯކެއް އުފައްދައި، އެޓޯލްސް އެފްސީ މެދުވެރިކޮށް، ދިވެހި ކުޅުންތެރިންނަށް ބޭރުގެ ފުޓުބޯޅައިން ފައިދާތަކެއް ހޯދައިދިނުމެވެ. އަދި ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކްލަބުގެ ވިއުގައެއް ގާއިމުކޮށް، ކުރިއަށްއޮތް ދިހަ އަހަރު ތެރޭގައި އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.

ދާދި ފަހުން އެޓޯލްސް އެފްސީން ވަނީ ސައުތު ލަންޑަން ފުޓްބޯލް ނެޓްވޯކް (އެސްއެލްއެފްއެން)އާ ވެސް ގުޅިފައެވެ. އެ ޕާޓްނާޝިޕްގެ ދަށުން ކުޅުންތެރިންނާއި ކޯޗުން ބަދަލުކުރެވިގެންދާނެ ކަމަށް އެޓޯލްސް އެފްސީން މައުލޫމާތުދެއެވެ.

comment ކޮމެންޓް