ޝާހިދު ކަޕޫރުގެ ވަރުގަދަ އެކްޝަން ފިލްމެއް އަންނަ އަހަރު

ފިލްމު "ދެވާ"ގެ މަންޒަރެއްގައި ޝާހިދު ކަޕޫރު

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރުގެ ވަރުގަދަ އެކްޝަން ފިލްމެއް އަންނަ އަހަރު ރިލީޒް ކުރާނެ ކަން އިއުލާނު ކޮށް ފިލްމުގައި ޝާހިދު ފެންނާނެ ގޮތް ވެސް އާއްމުންނަށް ދައްކާލައިފިއެވެ.

"ދެވާ" ނަމަކަށް ކިޔާ މި ފިލްމު ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު 11ވަނަ ދުވަހުއެވެ.

ޝާހިދު ކަޕޫރު އެކްޝަން ރޯލްތައް ކުޅުނު ވެބް ސީރީސް "ފަރުޒީ" އަދި ފިލްމު "ބްލަޑީ ޑެޑީ" އަށްފަހު އެކްޓަރުގެ އެކްޝަން ފިލްމެއްގެ އިންތިޒާރުގައި ބެލުންތެރިން ތިއްބާ "ދެވާ" އިއުލާނު ކުރުމުން ޝާހިދު ކަޕޫރަށް ތަރުހީބު ކުރާ ފަރާތްތަކުން ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ.

ފިލްމު "ކަބީރު ސިންގް"ގެ އެކްޓަރު "ދެވާ" އިން ފެންނާނީ ވަރަށް ހިތްވަރު ގަދަ އަދި ދުޝްމަނުން ސިއްސުވާލާނެ ކަހަލަ ފުލުސް އޮފިސަރެއްގެ ރޯލަކުން ކަމަށް މީޑިއާ ރިޕޯޓު ތަކުން ވަނީ ބުނެފައެވެ. ޝާހިދު އާއެކު މި ފިލްމުގައި ދެން ފެންނާނީ ކޮން ފިލްމީ ތަރިންނެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ވެބް ސީރީސް "ފަރުޒީ"ގެ މަންޒަރެއް

ފިލްމު "ދެވާ" ރިލީޒް ކުރުމުގެ ކުރިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ނުވަ އެއްގައި ޝާހިދު ކަޕޫރާއި ކްރިތީ ސެނޮން އެކީގައި ކުޅޭ ފިލްމު ރިލީޒް ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމަކީ ޝާހިދު ކަޕޫރު ސައިންޓިސްޓެއްގެ ރޯލް ކުޅޭ ފިލްމެކެވެ. މި ދެ ތަރިންގެ އިތުރުން ކުރީގެ އެކްޓަރު ދަރުމެންދުރަ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާ މި ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

comment ކޮމެންޓް