ބޮލީވުޑްއާ ބެހޭގޮތުން މީހުން ފަތުރަމުންދާ ގިނަ ވާހަކަތަކުގެ ހަގީގަތް އެނގެންފެށީ ދަރިފުޅު އިންޑަސްޓްރީއަށް ތައާރަފްވި ހިސާބުން ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ މަންމަ މަދޫ ޗޯޕްރާ ބުނެފިއެވެ.
ޕްރިޔަންކާއަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމަކުން ކާމިޔާބު ލިބި ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް ފިލްމު އިންޑަސްޓްރީއިން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް މަދޫ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އަކީ އެއްވެސް ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ އިންޑަސްޓްރީއަށް ބީރައްޓެހި މީހަކަށް ވުމުން ފިލްމު އިންޑަސްޓްރީގެ 'ގުޑް ބުކްސް'އިން ޖާގަ ހޯދުންވީ ތަންކޮޅެއް ދަތިކަމަކަށް ކަމަށާއި ނަމަވެސް އަލަށް އިންޑަސްޓްރީއަށް ތައާރަފްވާ ތަރިއަކަށް ކުރިމަތިވާނެ ހުރިހާ ގޮންޖެހުންތަކަކާ ދަރިފުޅު ކުރިމަތިލީ ކަމަށް މަދޫ ވަނީ ބުނެފައެވެ.

ޕްރިޔަންކާއަށް 2000ވަނަ އަހަރު މިސް ވޯލްގެ ތާޖު ލިބުމާ ގުޅިގެން އާއިލާއާ އެކު އުފާފާޅުކުރަނީ--ފޮޓޯ/ފޭސްބުކް
ދަރިފުޅު ޕްރިޔަންކާ ފިލްމު އިންޑަސްޓްރީއާ ގުޅުމުގެ ކުރިން ފިލްމުތަކަކީ އެ މީހުންނަށާއި އާއިލާއަށް ވަރަށް އާ އެއްޗެއް ކަމަށް މިލިޓަރީ ބޭސްތަކުގައި މަސައްކަތްކޮށްފައިވާ މެޑިކަލް ޑޮކްޓަރު މަދޫ ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާއިން ޕްރިޔަންކާއަށް ދިމާވި ފަދަ ގޮންޖެހުންތަކާ ބައެއް މީހުންގެ ފަރާތުން ރައްދުވި ނުރުހުމުގެ ބަސްތަކަކީ ދުވަހަކު ވެސް ކުރިން ދިމާވެދާނެ ނުވަތަ ކުރިމަތިލާން ޖެހިދާނެ ކަންތައްތަކެއްގެ ގޮތުގައި ހީވެސް ނުކުރާ ކަމަށް ބަތަލާގެ މަންމަ ވަނީ ބުނެފައެވެ.
ފިލްމީ ދާއިރާއަށް މަޑު މަޑުން އަހުލުވެރިވާން ފެށުމާ އެކު އިންޑަސްޓްރީގެ އަނދިރި ފަރާތް ފެންނަން ފެށިކަމަށާއި އެއީ ވަރަށް ހިތްދަތި ދުވަސްވަރެއް ކަމަށް މަދޫ ވަނީ ބުނެފައެވެ. އާއްމުންގެ ފަރާތުން ދަރިފުޅަށް ރައްދުވާން ފެށި ނުރުހުމުގެ ފާޑުކިޔުންތަކުގެ ސަބަބުން ވަރަށް އުނދަގޫވި ކަމަށާއި ނަމަވެސް އެފަދަ ކަންކަމާ ކުރިމަތިލާނެ ގޮތް ދަސްކޮށްދިނީ ޚުދު ދަރިފުޅު ޕްރިޔަންކާ ކަމަށް ޑޮކްޓަރު މަދޫ ވަނީ ބުނެފައެވެ.

ބަތަލާ ޕްރިޔަންކާ ފިރިމީހާ/ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަދި ދަރިފުޅު މާލްތީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އޭގެފަހުން މިއަދާ ހަމައަށް ވެސް ދަރިފުޅުގެ ކެރިއަރުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލަނީ ވަރަށް ކެރިގެން ކަމަށާއި މިހާރު އެފަދަ ކަންކަމާ މެދު އެހާބޮޑަށް ނުވިސްނާ ކަމަށް މަދޫ ވަނީ ބުނެފައެވެ.
ޕްރިޔަންކާގެ ބައްޕަ ކެންސަރު ބަލީގައި މަރުވުމާ ގުޅިގެން ބަތަލާގެ ވަރަށް ގިނަ ވަގުތު މަންމަ މަދޫއަށް ވަނީ ހުސްކޮށްފައެވެ. އެގޮތުން ދެ މީހުން އެކީގައި ދުނިޔޭގެ އެކި މަންޒިލްތަކަށް ޗުއްޓީ ދަތުރު ދިއުމުގެ އިތުރުން ޕްރިޔަންކާގެ ދިރިއުޅުމުގެ އެންމެ ގާތް އަދި އެންމެ މުހިއްމު ބައިވެރިޔަކީ މަންމަ މަދޫ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު އެމޭޒަންގެ ވެބް ސީރީސް "ސިޓަޑެލް"އިން އެންމެފަހުން ފެނުނު ބަތަލާ އަންނަނީ "ހެޑްސް އޮފް ސްޓޭޓް"ގެ ނަމުގައި އުފައްދާ ހޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.