އެކްޓަރު ޝާހިދު ކަޕޫރާ ދެމެދު އެއްވެސް ކަހަލަ ދެކޮޅުވެރި ކަމެއް ނެތް ކަމަށާއި ކުރި މަގުގައި ޝާހިދާ އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި ކަމަށް ފިލްމު "ބޫލް ބުލައްޔާ"ގެ ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފިއެވެ.
ފިލްމު "ބޫލް ބުލައްޔާ 3" އުފެއްދުމުގެ ކުރިން އަނީސް ވަނީ ޝާހިދަށް ފިލްމެއް ހުށަހަޅާފައެވެ. އެހެންނަމަވެސް، އެ ވަގުތު ޝާހިދުގެ މަސައްކަތް ހުރިގޮތުން އަނީސާ އެކު ފިލްމެއްގެ މަސައްކަތް ކުރެވެން ނެތްކަން އެކްޓަރު އެންގިއެވެ.
ޝާހިދު ފިލްމު ދޫކޮށްލީ ދެ މީހުންގެ މެދުގައި ފިލްމާ ގުޅޭގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން އޭރު ވަނީ ބުނެފައެވެ.
ފިލްމު "ބޫލް ބުލައްޔާ 3"އަށް ލިބެމުން އަންނަ ކާމިޔާބީއަށް ފަހު، އިތުރު ފިލްމެއްގެ މަސައްކަތް ފަށާނެތޯ މީޑިއާއިން ސުވާލުކުރުމުން އަނީސް ބުނެފައިވަނީ، ޝާހިދު ހިމަނައިގެން އުފައްދަން ނިންމި ފިލްމު އަލުން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު އަނީސްގެ ވިސްނުން ހުރީ ޝާހިދުގެ ބަދަލުގައި އެހެން ލީޑް އެކްޓަރަކާ އެކު ފިލްމުގެ މަސައްކަތް ފެށުމަށެވެ.
ނަމަވެސް، މީޑިއާތަކަށް ދިން އިންޓަވިއުގައި އަނީސް ބުނީ، ކުރިން ޝާހިދާ އެކު މަސައްކަތްކުރަން ފުރުސަތު ނުލިބުނު ނަމަވެސް ކައިރި މުސްތަޤުބަލެއްގައި އެކްޓަރާ އެކު ފިލްމެއް އުފެއްދިދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ދެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ޝާހިދަކީ އޭނާގެ ދުޝްމަނެއް ނޫން ކަމަށާއި ޝާހިދާ އެކު މަސައްކަތް ކުރުން ވާނީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭއިރު އެކަކު އަނެކަކަށް ޚިޔާލު ތަފާތުވެ، ދެ ބަސްވުމަކީ މައްސަލައެއް ނޫން ކަމަށާއި ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އަނީސް ބަޒްމީ ވަނީ ބުނެފައެވެ.
ޝާހިދާ ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް މިހާރު ވެސް އެކަކު އަނެކަކަށް އިހުތިރާމުކުރާ ކަމަށާއި ދެ މީހުން އެކީގައި މަސައްކަތް ކޮށްފިނަމަ ވަރަށް އުފެއްދުންތެރި ފިލްމެއް ބެލުންތެރިންނަށް ގެނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަނީސް ބުނެފައިވެއެވެ.
ޝާހިދު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރު ރިލީޒްކުރި ފިލްމު ތޭރީ ބާތޯމެ އޭސަ އުލްޖާ ޖިޔާ"އިންނެވެ.