ބަދަލުތަކާ އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ: ނައިބު ރައީސް

"ކޯޗިންގ މާސްޓަރ ކްލާސް" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު، ވިލާ ނޯޓިކާ ރިސޯޓުގަައި އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން އާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން، ކުރިއަށް ގެންދިޔަ "ކޯޗިން މާސްޓާ ކްލާސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ، ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އުނގެނުމުގެ ފުރުޞަތު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އަދި ފަންނުވެރިކަން ކުރިއެރުވުމަށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ނަމޫނާ ދެއްކުމުގެ މުހިއްމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތައް މަދު ގައުމެއްގައި، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރު ކުރަން ޖެހޭކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއްކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެމަނިކުފާނަށް ކުރެވިފައިވާ ތަޖުރިބާ މިއަދު ބޭއްވި ރަސްމިޔާތުގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން، މިއަދު ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ނަމަވެސް އެ މަގާމަށް ދެވުނީ ގިނަ ހަރުފަތްތަކެއް ގިރާކުރެއްވުމަށް ފަހުގައިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ކޯޗިންގ މާސްޓަރ ކްލާސް"ގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، އައި.ސީ.އެފްގެ ވައިސް ޕްރެޒިޑެންޓް ރޮބާޓް ގާސިއާ އެވެ. މި ސެޝަން މައުޟޫއަކީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް" އެވެ.

comment ކޮމެންޓް