ވޭތުވެދިޔަ ދެ ހަފުތާ ތެރޭ މަދުވެގެން 23 ނޫސްވެރިއަކު ޝަހީދުކޮށްލި

އިސްރާއީލްގެ ބޮމުގެ ހަމަލާއެއްގައި ޝަޙީދުވި ސައީދު އަލް ތަވީލާއި މުހައްމަދު ސުބޫހުގެ ހަށިގަނޑު ފޮޓޯ/އަލްމަޔާދީން ނޫސް

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި މަދުވެގެން 23 ނޫސްވެރިއަކު އިސްރާއީލުން މަރާލާފައިވާ ކަމަށް ކޮމެޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓު (ސީޕީޖޭ)އާ ހަވާލާދީ އަލްމަޔާދީންއިން ރިޕޯޓުކޮށްފިއެވެ. ހަމަލާތަކުގައި އެތައް ނޫސްވެރިންނެއް ވަނީ ޒަޚަމް ކޮށްލާފައި ކަމަށް ވެސް ސީޕީޖޭއިން ރިޕޯޓުކުރެއެވެ.

އެ 23 ނޫސްވެރިންގެ ތެރޭގައި 19 ފަލަސްތީން ނޫސްވެރިންނާއި، ތިން އިސްރާއީލް ނޫސްވެރިން އަދި ލުބްނާނާއި ފަލަސްތީނު ބޯޑަރު ކައިރީ މަރާލާފައިވާ ލުބްނާންގެ ނޫސްވެރިއެއް ވެސް ހިމެނޭ ކަމަށް ސީޕީޖޭއިން ބުނެއެވެ.

އިސްރާއީލުން މިދިޔަ ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި ބެއިރޫތަށް އުފަން ރޮއިޓާސްގެ ވީޑިއޯގްރާފަރު އިސާމް އަބްދުالله މަރާލާފައިވާއިރު، އިތުރު ހަ ނޫސްވެރިއަކު ވެސް އެ ހަމަލާގައި ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ރޮއިޓާސްގެ ދެ ނޫސްވެރިންނާއި، އޭޖެންސް ފްރާން ޕްރެސް (އޭއެފްޕީ) އަދި އަލްޖަޒީރާގެ ނޫސްވެރިއެއް ވެސް ހިމެނެއެވެ.

މި މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ފެށިތާ ތިން ދުވަސް ފަހުން އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ނޫސްވެރިން ކަމަށްވާ ސައީދު އަލް ތަވީލް އާއި މުހައްމަދު ސޯބް ވެސް މަރުވެފައިވާ ކަމަށް އަލް މަޔާދީންއިން ރިޕޯޓުކުރެއެވެ. އަދި, ހަމަ އެ ހަމަލާގައި ހިޝާމް އަލް ނަޖްހާ ކިޔާ ނޫސްވެރިއަކު ވަނީ ޒަޚަމް ވެސް ވެފައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގެ ދަށުން ނޫސްވެރިންނަކީ ހިމާޔަތް ލިބިފައިވާ ބައެކެވެ. އެއްވެސް ހަނގުރާމައެއްގައި ނުވަތަ ހަމަލާތަކެއްގައި ނޫސްވެރިންނަށް ސީދާ އަމާޒުކޮށް ހަމަލާ ދިނުމަކީ މަނާ ކަމެކެވެ.

ސީޕީޖޭގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޝެރިފް މަންސޫރު ވިދާޅުވި ގޮތުގައި ނޫސްވެރިންނަކީ ހާދިސާތައް ހިނގައިގެން އުޅޭ ވަގުތުތަކުގައި ހަނގުރާމަ ތަކުގައި މުހިންމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެ މީހުންނަށް އަމާޒުކޮށްގެން ހަމަލާތައް ދީގެން ނުވާނެއެވެ. އަދި، ދެ ފަރާތުން ވެސް ނޫސްވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާއި ފަލަސްތީނާއި ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގައި ނޫސްވެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ވެސް ސީޕީޖޭއިން ވަނީ ބުނެފައެވެ.

މި ހަނގުރާމައިގައި މަސައްކަތްކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން އެދި ނޭޝަނަލް ޕްރެސް ކްލަބުން ވަނީ އދ.އަށް ގޮވާލާފައެވެ.

comment ކޮމެންޓް