ޣައްޒާގައި ސުލްހަ ގާއިމު ނުކުރެއްވިއްޖެނަމަ ހަނގުރާމައިގެ އެއްބަސްވުން އުވިދާނެ: ގަތަރު

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ ދޯހާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ/އޭއެފްޕީ

ޣައްޒާގައި ބައިނަލްއަގުވާމީ ފައުޖަކުން ދާއިމީކޮށް ސުލްހަ ބެލެހެއްޓުމުގެ އެއްބަސްވުމަކަށް އަވަސް ކުރިއެރުމެއް ނުލިބިއްޖެނަމަ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވިދާނެ ކަމަށް ގަތަރުގެ ބޮޑުވަޒީރު، ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވެއްޖެއެވެ.

ގަތަރުގައި އިއްޔެ ފެށި ޑިޕްލޮމެޓުންގެ އަހަރީ ކޮންފަރެންސެއް ކަމަށްވާ ދޯހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އަލް ޘާނީ ވިދާޅުވީ، ޣައްޒާގައި މިހާރު އޮތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ނޫން ކަމަށާއި އެއީ ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ހަގީގީ އެއްބަސްވުމަކަށް ދެވޭނީ އިސްރާއީލު ސިފައިން ޣައްޒާއިން ފައިބައި، ފަލަސްތީނު ރައްޔިތުންނަށް ހަމަޖެހުމާއި ދަތުރުފަތުރުގެ މިނިވަންކަން އަލުން ލިބުމުން ކަމަށެވެ.

ތުރުކީގެ އެންމެ އިސް ޑިޕްލޮމެޓް ހަކާން ފިދާން ވެސް ވަނީ އަލް ޘާނީގެ އެ މެސެޖު ފޯރަމްގައި ތަކުރާރު ކުރައްވާފައެވެ. އަދި އެކަމަށް އެމެރިކާގެ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، ސުލްހައިގެ މަރުހަލާ މުޅިން ހުއްޓިގެން ދިއުމުގެ ނުރައްކާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއިން އިސްރާއީލު ސިފައިން ފައިބައި، ބައިނަލްއަގުވާމީ ފައުޖަކުން ސުލްހަ ބެލެހެއްޓުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވައި އަދި އދ.ގެ ސަލާމަތީ މަޖިލީހުން އެންޑޯޒްކޮށްފައިވާ ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ.

ގައުމުތަކުން އެގޮތަށް ބުނެފައި މިވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ގަތަރާ އެކު މިސްރު އަދި އެމެރިކާ މެދުވެރިވެގެން އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތައް މިދިޔަ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި އޮތް ނަމަވެސް ފާއިތުވި ހަތް ހަފްތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމާ 600 ފަހަރު އިސްރާއީލުން ހިލާފުވެފައިވެއެވެ. ޣައްޒާގެ އުތުރުގެ ރަށެއް ކަމަށްވާ ބައިތް ލަހިއްޔާއަށް އިސްރާއީލުން އެންމެ ފަހުން އިއްޔެ ދިން ހަމަލާގައި ފަލަސްތީނުގެ ތިން މީހަކު މަރުވެފައިވެއެވެ.

އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން އިސްރާއީލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 360 މީހުން ޝަހީދުކޮށްލާފައި ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަމުން އަންނައިރު ޣައްޒާގައި ޖުމްލަ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް މި ފިޔަވަހި ނިމި ދެ ވަނަ ފިޔަވަހީގައި ބުނާ ކަންކަން ތަންފީޒުކުރަން ފަށާނެ ގޮތަކާ މެދު އަދި އެއްބަސްވުމަކަށް ނާދެވެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 70،125 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް