މޮސްކޯ (18 ޑިސެމްބަރު 2025) : ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނަށް ޔުކްރެއިން އެއްބަސްނުވާނަމަ އެ ގައުމުގެ އިތުރުބިންތައް ހިފާނެކަމަށް ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ޔުކްރެއިންގެ ހަނގުރާމައިގެ މައިދާނުގައި ކުރިއަރައި ދަނީ ރަޝިއާ ސިފައިން ކަމަށާއި ޔޫރަޕުން ކިތަންމެ ހަތިޔާރެއް ޔުކްރެއިނަށް ދިންނަމަވެސް ރަޝިއާ ބަލިނުކުރެވޭނެކަމުގައެވެ.
ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނަށް ޔުކްރެއިން އެއްބަސްނުވަނީ ދޫނުދިނުމަށް ޔޫރަޕްގެ ލީޑަރުން ޔުކްރެއިނަށް ހިއްވަރުދޭތީކަން ބަޔާން ކުރައްވަމުން ޕޫޓިން ވިދާޅުވީ ޔުކްރެއިން ހަނގުރާމައިން ރަޝިޔާ ހާސިލްކުރަން ބޭނުންވާ މަގްސަދުތަކުގައި ކުޑަވެސް ފަސްޖެހުމެއްނެތް ކަމުގައެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރެއިންނަށް ދޫދިނުމަކީ ޔޫރަޕަށް ދޫދިނުމެވެ. ޔޫރަޕަށް ކުޑަވެސް ދުލެއްނުދެވޭނެއެވެ. ރަޝިއާ ބޭނުންވާ ކަންކަން ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ތެރެއިން ހާސިލް ނުކުރެވޭނަމަ އަސްކަރީ ބާރުބޭނުންކޮށްގެން ރަޝިއާ އެކަން ހާސިލް ކުރާނެކަން ޔުކްރެއިން އާއި ޔުކްރެއިންގެ ފަހަތުގައިވާ ޔޫރަޕްގެ ގައުމުތައް ދަންނަންޖެހޭނެ ކަމުގައެވެ.
މިއީ ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޕްލޭން ގަބޫލުކުރުން ނޫންގޮތެއް ޔުކްރެއިންނަށް ނޯންނެކަމަށް ވިދާޅުވެ މިހާތަނަށް ޕޫޓިން ޔުކްރެއިނަށް ދެއްވި އެންމެ ހަރުކަށި އިންޒާރުކަމަށް މުރާސިލުން ސިފަކުރެއެވެ. މުރާސިލުން ބުނާގޮތުގައި ޕޫޓިން މި އިންޒާރު އަމާޒު ކުރެއްވި މައިގަނޑު ފަރާތަކީ ޔޫރަޕް ގެ ލީޑަރުންނެވެ.
ރަޝިއާ ދެކޭގޮތުގައި ޔުކްރެއިނަށް ހަތިޔާރު ދީގެން ރަޝިއާ އަސްކަރީގޮތުން ބަލިކުރަން މަސައްކަތްކުރަނީ ޔޫރަޕްގެ ގައުމުތަކުންނެވެ.
އަނެއްކޮޅުން އެމެރިކާ މިހާރުވަނީ ޔުކްރެއިން މެދުވެރިކޮށް ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށް ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތަކީ ކޮންމެ ގޮތަކުން ނަމަވެސް ޔުކްރެއިން ހަނގުރާމަ ހުއްޓުވުމެވެ.
ޔުކްރެއިންގެ ބިމުގެ ބޮޑުބައެއް ރަޝިއާއަށް ދީގެންނަމަވެސް ހަނގުރާމަ ހުއްޓުވުމެވެ. އެމެރިކާ ދާދިފަހުން އިއުލާންކުރި ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ރަޝިއާއަކީ ސީދާގޮތެއްގައި އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ.
އަނެއްކޮޅުން މިހާރު ޔޫރަޕަށް އިސްކަންދޭގޮތަށް ޔޫރަޕަށް އިސްކަންދިނުމަކީވެސް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އައު ސްޓްރެޓެޖީގައި ހިމެނޭކަމެއް ނޫނެވެ. އެމެރިކާގެ އައު ސްޓްރެޓެޖީގައި އިސްކަން ދީފައިވަނީ އެމެރިކާގެ ބެކްޔާޑުކަމަށް ދެކޭ ލެޓިން އެމެރިކާ ސަރަހައްދަށާއި ޗައިނާއާ ކުރިމަތިލުމަށްޓަކައި އޭޝިއާ ޕެސިފިކް ސަރަހައްދަށެވެ.
އެހެންކަމުން ރަޝިއާ އަށް ކާމިޔާބު ލިބި ރަޝިއާ އެދޭގޮތަށް ޔުކްރެއިން ހަނގުރާމަ ނިމިގެން ދިޔުމަކީ އެމެރިކާ މިހާރު ކަންބޮޑުވާކަމެއް ނޫނެވެ. ނަމަވެސް ރަޝިއާ އަށް ކާމިޔާބު ލިބޭގޮތަށް ޔުކްރެއިން ހަނގުރާމަ ނިމުމަކީ ޔޫރަޕްގެ ގައުމުތައް އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ބިރުގަންނަ ކަމެކެވެ. އެއީ ޔޫރަޕް ދެކޭގޮތުގައި އެހިސާބުން ނޭޓޯ ފުޅާކުރުމުގެ ޕްރޮސެސް ހުއްޓި ރަޝިއާ ހިސާރުކުރަންކުރި މަސައްކަތް ހުއްޓި ބަދަލުހފުމުގެ ރޫހެއްގައި ރަޝިއާ ފާޅުވުމެވެ.
މިހާލަތުގައި ރަޝިއާ ޔޫރަޕްގެ އެހެންގައުމުތަކަށް ބިރުދައްކަން ފަށާނެކަމަށް ޔޫރަޕް ދެކެއެވެ. ނަމަވެސް ޕޫޓިންވަނީ އެފަދަ ވިސްނުމެއް ރަޝިއާ ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. ޔުކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނަކީ އެމެރިކާގެ ޕްލޭނެކެވެ. މިޕްލޭންގައިވަނީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް ރަޝިއާއަށް ދޫކޮށްލުމެވެ.
ޔޫރަޕްގެ ގައުމުތައް ދެކޭގޮތުގައި މިއީ ރަޝިއާއަށް އަމާންދިނުމެވެ. އަދި ރަޝިއާ ޔުކްރެއިންއަށް އަރައިގަތް އަރައިގަތުމަށް އަދަބު ދިނުމުގެ ބަދަލުގައި އިނާމު ދިނުން ކަމަށްވެސް ޔޫރަޕްގެ ގައުމުތަކުންވަނީ ސިފަކޮށްފައެވެ. އެމެރިކާ ވަނީ ޔުކްރެއިނުން މިޕްލޭން ގަބޫލުނުކުރާނަމަ އެމެރިކާގެ އެއްވެސް ހަތިޔާރެއް ދެން ޔުކްރެއިނަށް ނުދޭނެކަމުގެ އިންޒާރު ދީފައެވެ.