އެފްއެސްއެމަށް ކުރާ ބޮޑު ތުހުމަތަށް ކުންފުނީގެ ބަހެއް ނެތް

އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލަނީ--

އިންތިގާލީ މަރުހަލާއާ ދިމާކޮށް، ކުންފުނީގެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލާ ކަމަށް ބުނެ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އަށް ކުރަމުންދާ ތުހުމަތުތަކަށް އެފްއެސްއެމްގެ ފަރާތުން އެއްވެސް ބަހެއް ނުބުނެއެވެ.

މިއަދު 'ސަން'އިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ފަރާތުން ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ވަނީ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ނާކާމިޔާބުވެފައެވެ.

މީގެ އިތުރުން އެފްއެސްއެމްގެ މީޑިއާގެ ފަރާތުން ވެސް މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ސިމެންތި ގަށާ މެޝިނަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ވެރިކަން ބަދަލުވާން ކައިރިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ލިޔެކިއުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ތަހުގީގު ކުރަން ގޮވާލައިފައެވެ.

އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާނަމަ، އެހާ ގިނަ ލިޔެކިއުންތަކެއް ނައްތާލަންޖެހޭ ސަބަބަކާ މެދުވެސް ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި ވީޑިއޯ ނަގާފައި ވަނީ އެފްއެސްއެމްގެ ޓެކްނީޝަނެއް ކަމަށްވާ އަހުމަދު އަނީސެވެ. އެ ވީޑިއޯ އާންމުވުމާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް