އެމްޕީއެލްއާއި އެފްއެސްއެމްގެ 6.7 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ބަލަނީ

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުލުހުން ބުނީ އެމްޕީއެލްއާއި އެފްއެސްއެމްގެ 6.7 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް -- ފޮޓޯ/ ފުލުހުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް ގުޅިގެން 6.7 މިލިއަން ރުފިޔާގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމްސް ޑިޕާޓްމެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ ދެ ކުންފުނީގެ މުވައްޒަފުން ޚިޔާނާތްތެރިވެފައިވަނީ ތެޔޮ ގަތުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްޕީއެލްއިން، އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަތުމުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވަނީ އެމްޕީއެލްއަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ބަޔާންކޮށް 119 ޑެލިވަރީ ޑެލިވަރީ އޯޑާއަކަށް އެމްޕީއެލްގެ ފަރާތުން އެފްއެސްއެމްއަށް ފައިސާ ދޫކޮށް، މިފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް،" ލޫތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމުގައި ޝާމިލުވަނީ ބިދޭސީއަކާއި ހަތަރު ދިވެހިން ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އެފްއެސްއެމްގެ ތިން މުވައްޒަފަކާއި އެމްޕީއެލްގެ ދެ މުވައްޒަފެއް ކަމަށް ލޫތު ވިދާޅުވިއެވެ.

"މީގައި މި ހިމެނޭ ބިދޭސީ މީހާގެ އެކައުންޓަށް 2018 ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން 2020 ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް ތަހުގީގުތަކުން ވަނީ ހޯދިފައި،" އޭނާ ވިދާޅުވިއެވެ.

އެ ފަސް މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން ލޫތު ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި "ސަން"އިން ސުވާލުކުރުމުން ފުލުހުން އިތުރަށް ބުނި ގޮތުގައި، އެ މައްސަލައިގައި ޝާމިލުވަނީ ދެ ކުންފުނީގައި ތެލުގެ މުއާމަލާތްތައް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންތަކެކެވެ.

comment ކޮމެންޓް