ގއ. އަތޮޅު ނިލަންދޫއާއި މާމެންދޫއަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އިން ވިއްކި ތެލުގައި ވަރަށް ގިނައިން ފެން ހުރި ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތައް މިއަދު އެކުންފުނިން ދޮގުކޮށްފިއެވެ.
އެފްއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ ރަށަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.
އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާޖެއްގައި ގާއިމުކޮށްފައި ހުންނާނެ ކަމަށް އެފްއެސްއެމްއިން ބުނެއެވެ.

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް: ދެ ރަށަކަށް އެފްއެސްއެމްއިން ވިއްކި ތެލުގައި ފެން ހުރި ވާހަކަ ދޮގުކޮށްފި -----
އޭގެއިތުރުން، ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން، އެކަމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމްތައް ތަރައްގީކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ނިމިދިޔަ މެއި މަހު އެސްޓީއޯއިން ވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާ ގުޅިގެން ތެޔޮ ވިއްކާ އަގު ހެޔޮކޮށްފައެވެ. އެހެންވެ، މިހާރު އެފްއެސްއެމްގެ ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ލިބޭނެއެވެ.