އެމްޕީއެލްއާއި އެފްއެސްއެމްގެ ޚިޔާނާތުގެ މައްސަލައިގައި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި

އޮގަސްޓް 3، 2021: މޭ6 ބޮމް ގޮއްވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް ގުޅިގެން 6.7 މިލިއަން ރުފިޔާގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މީހަކަށް ދައުވާކުރަން އިއްޔެ ފޮނުވައިފިއެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހުން ބުނީ، މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރު މުޙައްމަދު އައިމަން އާއި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ޙަސަން ދީދީ އަދި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރު، ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބްގެ މައްޗަށް ކަމަށެވެ.

މި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ، ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާއެވެ.

ޙަސަން ދީދީގެ މައްޗަށް ކޮށްފައި ވަނީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ޞައްޙަނޫން ލިޔުމެއް އުފެއްދިކަމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައި ވާކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އޮފީހުން ބުނެފައި ވަނީ، އެ އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ޚިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައިކަމަށެވެ. އަދި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މީގެ ކުރިން ފުލުހުންގެ އިކޮނޮމިކް ކްރައިމްސް ޑިޕާޓްމެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަ އޮފް ޕޮލިސް ޔޫސުފް ލޫތު ވެސް ވަނީ މި މައްސަލައިގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައެވެ.

އޭނާ ވިދާޅުވީ އެއީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެމްޕީއެލްއިން، އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަތުމުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

އެގޮތުން ފާހަގަކުރެވިފައިވަނީ އެމްޕީއެލްއަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ބަޔާންކޮށް 119 ޑެލިވަރީ އޯޑަރަށް އެމްޕީއެލްގެ ފަރާތުން އެފްއެސްއެމްއަށް ފައިސާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް، ކަމަށް ލޫތު ވިދާޅުވިއެވެ.

comment ކޮމެންޓް