ފްރެންޗު ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއާއި ސްޓްރާސްބޯގް ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރި މި މެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ޕީއެސްޖީއިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭއެވެ. މިއީ އޭނާ މި ފަހަރުގެ ސީޒަންގައި ލީގުގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިން ހަތްވަނަ ލަނޑެވެ. އަދި، މިއާއެކު ލަނޑު ލިސްޓްުގެ އެންމެ ކުރީގައި އުޅެނީ ވެސް އެމްބާޕޭއެވެ. ސްޓްރާސްބޯގަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް އެ ލަނޑު ވަނީ އޮފް ސައިޑްވުމުގެ ސަބަބުން ބަލައިނުގަތްފައެވެ. މެޗުގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ ކާލޯސް ސޮލާއެވެ. އަދި، ފަހު ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ފަބިއަން ރުއީޒެވެ.
މި ކާމިޔާބީއާ އެކު އެންމެ ފަހުގެ ޗެމްޕިއަން މި ވަގުތު އުޅެނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 18 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. އަދި ސްޓްރާސްބޯގު އުޅެނީ 10 ޕޮއިންޓާ އެކު ތާވަލްގެ 13 ވަނައިގައެވެ.
ލީގް އާންގެ އެއްވަނައިގާ މި ވަގުތު އޮތީ އޮލިމްޕިކް މާސޭއާ ބައްދަލުކޮށް ރޭ މޮޅުވި ނީސްއެވެ. ނީސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގައި ނީސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ޖަހާދިނީ އިވާން ގުއެސާންޑްއެވެ. ނީސްއިން މި ލަނޑު ޖެހުމުގެ އެއް މިނެޓް ކުރިން ނީސްގެ ލިއޮނާޑޯ ބެލޭރްޑީއަށް ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
ނީސްއަށް މިހާރު ވަނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 19 ޕޮއިންޓާ އެކު ޕީއެސްޖީގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މިރޭ މޮނާކޯ މެޓްޒް އާއި ބައްދަލު ކުރާ މެޗު ކާމިޔާބުކޮށްދި ނަމަ އެ ޓީމަށް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.