ދިވެހީންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމީ ތަރި ކަމަށްވާ އަލީ ސީޒަން ފިލްމީ ދާއިރާއިން ބްރޭކެއް ނަގައި ސިޔާސީ ދާއިރާއަށް ވަދެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ނިންމައިފިއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަހެއް ވަންދެއް މަސައްކަތް ކުރުމަށް ފަހު ކެރިއަރުގެ ފުރަތަމަ ބްރޭކް ނެގުމަށް ނިންމާފައިވާ ކަމަށް ސީޒަން އިއުލާނު ކޮށްފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.
އިންޑަސްޓްރީއާ ދުރަށް ޖެހިލުމަށް ނިންމާފައިވާއިރު އޭނާ އޭރު އެއްވެސް އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި ބްރޭކަށް ދާ މުއްދަތުގައި އިންޑަސްޓްރީގެ އެއްވެސް މަސައްކަތެއްގައި ހަރަކާތްތެރި ނުވާނެ ކަމަށްވެސް ސީޒަން ފާހަގަކުރިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން ސީޒަން މިއަދު ބުނެފައިވަނީ އޭނާ އިންޑަސްޓްރީއިން ބްރޭކް ނެގި ސަބަބަކީ މަޖިލީހަށް ކުރިމަތި ލާތީ ކަމަށެވެ.
ސީޒަން މަޖިލީހަށް ކުރިމަތިލާން ގަސްތުކުރަނީ ޕީޕީއެމް / ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށެވެ.
ފިލްމު ކުޅުމާއި ފިލްމާ ގުޅޭ އެހެން މަސައްކަތްތަކުން ދުރަށް ޖެހިލުމަށް ނިންމުމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ސަރުކާރުގެ އެކި މަގާމު ތަކަށް ހޮވިދާނެ ކަމަށް ބުނެ މީހުން ދައްކަމުން ދިޔަ ވާހަކަތަކުގެ އަޑު އިވިފައިވާ ކަމަށް ސީޒަން ފާހަގަކުރިއެވެ. ނަމަވެސް އެއީ ތެދެއް ނޫން ކަމަށާއި މަޖިލީހަށް ކުރިމަތިލާން ބޭނުންވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"ވަރަށް ގިނަ ބަޔަކު، ހާއްސަކޮށް ތުލުސްދޫގެ ރައްޔިތުން އެދެމުން ދިޔަ އެދުމެއް މިއީ މަޖިލީހަށް ކުރިމަތިލާން،" ސީޒަން ފާހަގަކުރިއެވެ.
މިއީ އެތައް ބައެއްގެ އެދުމަށް ޖަވާބުދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި ސީޒަން ވަނީ ސިފަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ އަހަރު ހަމަވާނެއެވެ. އެއާއެކު މަޖިލީހުގެ އިންތިހާބު ހުޅުވާލާއިރު ސީޒަން އިންތިހާބުގައި ބައިވެރިވާނެއެވެ.
ފިލްމީ ދާއިރާއިން ނިކުމެ ރައްޔިތުންގެ މަޖިލީހަށް ތަރިއަކު ބަދަލުވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން ވެސް ދާއިރާ ބަދަލުކޮށް ތަރީން ވަނީ މަޖިލީހަށް ކުރިމަތިލާފައެވެ. އެގޮތުން މަޖިލީހުގައި މަސައްކަތް ކޮށްފައިވާ ތަރީންގެ ތެރޭގައި ރީކޯ މޫސާ މަނިކް އާއި މުހައްމަދު އަބްދުﷲ (މުހައްމާ) ފާހަގަކުރެވެއެވެ.